އިލެކްޝަންސް ކޮމިޝަންގެ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފިއެވެ.
މި ބިލަކީ، ހޯމަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 53 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
މި ބިލުން، ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުގެ ރައީސާއި ނާއިބު ރައީސް އައްޔަންކުރުމުގެ ޒިންމާއަކީ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއެއްގެ ގޮތުގައި ކަނޑައަޅައިފައިވެއެވެ. އެގޮތުން، އިލެކްޝަންސް ކޮމިޝަންގެ ރައީސާއި ނާއިބު ރައީސްގެ މަގާމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ، ކޮމިޝަނުގެ މެންބަރުންގެ ތެރެއިން ހުށަހަޅާ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާ މީހަކު، ކޮމިޝަނުގެ ރައީސްކަމުގެ މަގާމަށް ނުވަތަ ނާއިބު ރައީސްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
އަދި، މިއިޞްލާޙުގައި، ކޮމިޝަނުގެ ރައީސް ނުވަތަ ނާއިބު ރައީސް މަގާމުން އިސްތިޢުފާދޭން ބޭނުންވެއްޖެ ހާލަތުގައި، ސިޓީއަކުން އެކަން ބަޔާންކޮށް، ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން، ކޮމިޝަނުގެ ރައީސްކަމުގެ މަގާމުން ނުވަތަ ނާއިބު ރައީސްކަމުގެ މަގާމުން އެ މީހަކު ވަކިވީކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
މި އިޞްލާޙަށް ޢަމަލުކުރަން ފެށުމުގެ ކުރިން ކޮމިޝަނުގެ ރައީސާއި ނައިބު ރައީސްގެ މަގާމަށް އައްޔަންކޮށްފައިވާ މެންބަރުން، ޤާނޫނުގައިވާ ގޮތުގެ މަތީން ވަކިވަންދެން އެ މަގާމުގައި ދެމިތިބޭނެ ކަމަށް ވެސް މި އިޞްލާޙުގައިވެއެވެ.

