ގއ.ވިލިނގިލީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި އެ ކައުންސިލުން އެދުނު ކަންކަން ކުރިއަށް ގެންދިއުމަށް ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އޮންލައިންކޮށް މިއަދު ބޭއްވި ބައްދަލުވުމުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ އިސްވެރިންނާއި ވިލިނގިލި ކައުންސިލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ވިލިނގިލި ކައުންސިލުން ވަނީ އެ ރަށުގެ މިސްކިތްތަކުގެ ހާލަތު ވަޒީރާ ހިއްސާކުރައްވައި، މިސްކިތްތަކުގެ މަރާމާތުގެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް އެދިފައެވެ.
މީގެއިތުރުން އެ ރަށުގައި ކީރިތި ޤުރުއާނުގެ އިލްމު ފެތުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކީރިތި ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮތްޕެއް ގާއިމުކޮށްދިނުމަށް ވެސް ކައުންސިލުން ވަނީ އެދިފައެވެ.
މި ބައްދަލުވުމުގައި ވަޒީރު ވަނީ އެ ރަށު ކައުންސިލުން އެދުނު ކަންކަން ކުރިއަށް ގެންދިއުމަށް ވުޒާރާގެ ފަރާތުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

