ކުރިއަށް އޮތް 5 ދުވަހު މޫސުން ގޯސްވާނެކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން ލަފާކޮށްފައިވާތީ ޒޯން ފެރީތަކާއި، އާރްޓީއެލް ފެރީގެ ޝެޑިއުލްތަކަށް ބުރޫއަރާފާނެ ކަމަށް އެމްޓީސީސީން މިރޭ ބުނެފިއެވެ.
މެޓް އޮފީހުން ބުނެފައިވާ ގޮތުން ރާއްޖޭގެ އިރުން ބޭ އޮފް ބެންގަލްގައި އުފެދިފައިވާ ކޮޅިގަނޑާއި، ރާއްޖެއާއި ދުރުން ރާއްޖޭގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން ބުދަ ދުވަހުން ފެށިގެން ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ ސަރަހައްދަށް އާންމު ވައި ބާރުވާނެ ކަމަށް ބެލެވެއެވެ. އަދި އާންމު ގޮތެއްގައި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވެއެވެ.
އެހެންކަމުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައިވެއެވެ.
މިކަން ފާހަގަކޮށް އެމްޓީސީސީން ބުނީ އެ ކުންފުނިން ފޯރުކޮށްދެމުންދާ ޒޯން ފެރީތަކާއި، އާރްޓީއެލް ފެރީގެ ޝެޑިއުލްތަކަށް ބުރޫއަރާފާނެ ކަަމަށެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށް އެ ކުންފުނީގެ ހޮޓްލައިން 1650 އަށް ގުޅުމަށް ވަނީ އެދިފައެވެ.

