ބޭރު ފައިސާއާބެހޭ ކަންކަން ހަރުދަނާ ކުރުމަށް އެކުލަވާލަމުންދާ ބޭރު ފައިސާއާބެހޭ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އާއްމުންނަށް ހުޅުވާލައިފިއެވެ.
މި ބިލު އެކުލަވާލަމުން ދަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކާ ގުޅިގެންނެވެ.
އެމްއެމްއޭއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ބިލުގެ މައިގަނޑު މަގުސަދަކީ މިދިޔަ މަހު އަމަލުކުރަން ފަށާފައިވާ ބޭރު ފައިސާއާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން އިތުރަށް ހަރުދަނާކުރުމެވެ. އަދި މި ބިލަކީ ވިޔަފާރިތަކާއި ރައްޔިތުންގެ ލާބައާއި މަންފާއާ ގުޅިފައިވާ ބިލަކަށް ވާތީ، ވިޔަފާރިތަކުންނާއި އާންމު ރައްޔިތުންގެ ހިޔާލު ހޯދުމަށް ބޭނުންވާ ކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ.
މި ބިލަށް އާންމުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު 1 ޑިސެންބަރު 2024 ވާ ހުކުރު ދުވަހުގެ 14:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށް އެމްއެމްއޭއިން ވަނީ ހާމަކޮށްފައެވެ.
ޚިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެމްއެމްއޭގެ ފޮރިން އެކްސްޗޭންޖު އީމެއިލް އަށް މެއިލް ކުރުމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި ބޭރު ފައިސާއާބެހޭ ގަވާއިދުގެ ދަށުން، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ތަންތަން ދެ ގިންތިއަކަށް ބަހާލައި، ކޮންމެ ފަތުރުވެރިއަކަށް ކަނޑައެޅޭ ވަކި މިންވަރަކަށް ބޭރު ފައިސާ ބޭންކިން ނިޒާމުގެ ތެރެއަށް މާރުކުރުމަށް ލާޒިމުކޮށްފައިވެއެވެ.
މި ގަވާއިދުގެ ދަށުން ރިސޯޓުތަކާއި ބޮޑެތި ހޮޓާތަކުން ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު، އަދި ގެސްޓްހައުސްތަކާއި ލޯކަލް ހޮޓާތަކުން ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރު މާރުކުރަން ޖެހެއެވެ.

