މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް، ވިއްކައި ވިޔަފާރި ކުރުމުގެ ތުހުމަތުގައި އުމުރުން 18 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކުރީ ގއ.ކަނޑުހުޅުދުއަށް ނިސްބަތްވާ ޒުވާނެކެވެ.
އޭނާ ހައްޔަރުކޮށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ނެރުނު އަމުރުގައި ބުނީ ތުހުމަތުކުރެވޭ މިންވަރަށް ފުލުހުން ހެކި ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ތަހުގީގު ބަޔާންތަކާއި، މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓާއި، ފޮޓޯ ރިޕޯޓު ހުށަހަޅާފައިވާކަން ފާހަގަކޮށްފައިވެއެވެ.
ލިބިފައިވާ ހެކިތަކަށް ރިއާޔަތްކޮށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތަށް ކަސްޓޯޑިއަލް ޖަލެއްގައި އޭނާ ބަންދުކުރުމަށް އަމުރުކޮށްފައެވެ.
މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް، އެތަކެތީގެ ވިޔަފާރިކުރާ މައްސަލަަތައް އިތުރުވެފައިވާއިރު، އެފަދަ މައްސަލަތަކުގައި އެންމެ ގިނައިން ހައްޔަރުކުރަނީ ޒުވާނުންނެވެ. މީގެއިތުުރުން މިފަދަ މައްސަލަތަކުގައި ޝާމިލުވާ ކުޑަކުދިންގެ އަދަދު ވެސް ވަނީ ކުރިއާ އަޅާބަލާއިރު އިތުރުވެފައެވެ.

