ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ މުއްދަތު އިތުރުކުރުމަށް ރިޔާސަތުން ހުށަހަޅައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ މަޖިލީހުގައި ނިންމަން މުހިންމު މަަސައްކަތްތަކެއް އެބަހުރި ކަމަށާއި، އެހެންކަމުން ދައުރު އިތުރުކުރަން ގަސްދުކުރައްވާ ކަމަަށެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ މި ދައުރުގެ ފަހު ދުވަހަކީ މި ހިނގާ ނޮވެމްބަރު 30 ވަނަ ދުވަހެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ ގަސްދުކުރައްވަނީ މި ދައުރުގެ މުއްދަތު އަންނަ ޑިސެމްބަރުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރުމާމެދު މަޖިލީހުން ގޮތެއް ކަނޑައެޅުމަށް ވޯޓަށް އެހުމަށް ކަމަށެވެ.
އެގޮތުން އެކަމާ ގުޅިގެން ވޯޓަށް އެހުން މިއަދުގެ ޖަލްސާ ގަޑީގައި އޮންނާނެ ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

