އިސްލާމިކް މިނިސްޓްރީއާއި، ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އިންޒާމުކޮށްގެން ކުރިއަށްގެންދާ ޒަކާތާގުޅޭ ބައިނަލްއަގުވާމީ މަހާސިންތާ ފެށުމަށް ތައްޔާރުވެއްޖެެއެވެ.
ބައިނަލްއަގުވާމީ ޒަކާތު މަހާސިންތާ ނުވަތަ އިންޒެކް 2024 ފެށޭނީ މާދަމާ 7:30 ގައެވެ. ސެޝަންތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާރޭ 21:40 އިން 22:25 އަށެވެ.
މަހާސިންތާ ކުރިއަށްދާނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
މި މަހާސިންތާގެ މަގުސަދުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމާއި، ޒަކާތުގެ މަންފާ އޭގެ ހައްގުވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތްތަކާމެދު މަޝްވަރާކުރުން ހިމެނެއެވެ. އަދި ދެމެހެއްޓެނިވި ތަރައްގީއަށް ފަހިވާނެހެން ޒަކާތު ފަންޑު ތަރައްގީ ކުރުމާ ގުޅޭ ގޮތުން ވެސް މި މަހާސިންތާގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ.
މި މަހާސިންތާގައި ޒަކާތާ ގުޅޭ ކަންކަމުގައި މަސައްކަތްކުރާ ބޭރުގެ ތަޖުރިބާކާރުންނާއި، ބައެއް ގައުމުތަކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

