ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ މުއްދަތު އަންނަ މަހުގެ 15 ގެ ނިޔަލަށް އިތުރުކުރުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފިއެވެ.
މިގޮތަށް ފާސްކުރީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 68 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް 11 މެންބަރުން ވޯޓު ދެއްވިއެވެ.
މަޖިލީހުގެ މި ދައުރުގެ މުއްދަތު އަންނަ މަހުގެ 15 ގެ ނިޔަލަށް އިތުރުކުރުމަށް ރިޔާސަތުން ހުށަހެޅީ މަޖިލީހުގައި ނިންމަން މުހިންމު މަަސައްކަތްތަކެއް ހުރުމުން ކަމަށް މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، މަޖިލީހުގެ ދައުރު ބެހިގެން ވަނީ ތިން ބަޔަކަށެވެ. އެއީ ފުރަތަމަ ދައުރު 1 ފެބްރުއަރީން ފެށިގެން 15 މެއިގެ ނިޔަލަށެވެ. ދެވަނަ ދައުރު 1 ޖޫންއިން 15 އޮގަސްޓުގެ ނިޔަލަށެވެ. އަދި ތިންވަނަ ދައުރު 1 އޮކްޓޫބަރުން ފެށިގެން ނޮވެމްބަރުގެ ނިޔަލަށެވެ.
މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ މުއްދަތު އިތުރުކުރުމަށް ނިންމިއިރު، މި އަހަރުގެ ދެވަނަ ދައުރުގެ މުއްދަތު ވެސް އެއް ހަފުތާއަށް އިތުރުކުރިއެވެ.

