އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިގޮތަށް ފާސްކުރީ 70 މެންބަރުންގެ ވޯޓުންނެވެ.
2025 ވަނަ އަހަރަށް ލަފާކުރާ ބަޖެޓަށް ހިލޭ އެހީއާއި އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު، ޚަރަދުތައް ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 51 ބިލިއަން ރުފިޔާގައެވެ. އެއީ 9.4 ބިލިއަން ރުފިޔާގެ ޑެފިސިޓެކެވެ. މިއީ ފަހުގެ ތާރީޚެއްގައ އެންމެ ކުޑަ ޑެފިސިޓު ބަޖެޓެވެ.
މީގެއިތުރުން އަންނަ އަހަރު އިގުތިސާދު ކުރިއަރާނެ ކަމަށް ލަފާކޮށްފައިވަނީ 6.4 އިންސައްތައިގައެވެ.
ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 12.4 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
ޚަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކާއެކު 6.6 ބިލިއަން ރުފިޔާ ކުޑަކުރެވޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އެ ފިޔަވަޅުތަކުގެ ތެރޭގައި ސަބްސިޑީގެ ނިޒާމު ބަދަލުކޮށް ސަބްސިޑީ ބޭނުންވާ ފަރާތްތަކަށް ސީދާ ގޮތެއްގައި ފޯރުކޮށްދޭ ނިޒާމަކަށް ބަދަލުކުރުން، އާސަންދަ ނިޒާމު މުރާޖައާކޮށް، އެ ނިޒާމަކީ މިހާރަށްވުރެ ވަށާޖެހޭ ދެމެހެއްޓެނިވި ނިޒާމަކަށް ބަދަލުކުރުން، ދައުލަތުން ދޭ ޕެންޝަންތައް ތަކުރާރު ނުވާނެހެން އަދި އިސްރާފުނުވާނެހެން މުރާޖައާ ކުރުން، އެސްއޯއީތައް ރިފޯމު ކުރުން އަދި ތެލުގެ އަގަށް އަންނަ ބަދަލުތަކުން ކުރިމަތިވާ ފިސްކަލް އަދި އެކްސްޓާނަލް ހިރާސްތައް ހެޖުކުރުން ހިމެނެއެވެ.
އާމްދަނީ އިތުރުކުރުމަށް ވެސް ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާއިރު، އެ ފިޔަވަޅުތަކާއެކު 4.9 ބިިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެއެވެ. އެ ފިޔަވަޅުތަކުގެތެރޭގައި ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީގެ ރޭޓު މަތިކުރުމާއި، އެއާޕޯޓުގެ ޓެކުހާއި ފީގެ ރޭޓުތައް މަތިކުރުމާއި، ގްރީން ޓެކުހުގެ ރޭޓުތައް މަތިކުރުން އަމިއްލަ ފަރާތްތަކުން ހިންގާ ބިން ހިއްކުމުގެ މަޝްރޫތަކަށް ނަގާ ވެލިން ޑްރެޖިން ފީއެއް ނެގުމާއި، ޓީޖީއެސްޓީ ރޭޓް މަތިކުރުމާއި، ޖީއެސްޓީ ނިޒާމުގައި ޑެސްޓނޭޝަން ޕްރިންސިޕަލް ފުރިހަމައަށް ތަންފީޒުކުރުން އަދި ފްރެކްއެންސީ ސްޕެކްޓްރަމް ޗާޖެއް ނެގުން ހިމެނެއެވެ.

