މިދިޔަ ޖުލައި 31 ވަނަ ދުވަހު ހުޅުމާލެ ފޭސް 2 ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގެ މައްސަލާގައި ދައުވާކުރި މ. ލޭންޑްއޮފްގާޑްން، އިބްރާހީމް އިކްރާމް މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވުނު އަޑުއެހުމެއްގައި ދައުވާތަކަށް އިއުތިރާފުވެއްޖެ އެވެ.
މި މައްސަލާގައި އިކްރާމްގެ އިތުރުން ދައުވާކުރި ހ. ނޫރަންމާގެއާއެ، އިކްރާމުއްރަހްމާނާއި ގއ. ކަނޑުހުޅުދޫ، އާޒާދުގެ، ޖިނާހު އިސްމާއީލް ވަނީ ދައުވާތަކަށް އިންކާރުކޮށްފައެވެ.
މި މައްސަލަ ބައްލަވާ ގާޒީ، އަލީ ނަދީމް ވިދާޅުވި ގޮތުގައި އިކްރާމް އިއުތިރާފްވުމާ ގުޅިގެން އޭނާގެ މައްސަލަ ކުރިއަށް ގެންދާނީ އަވަސްނިޔާއިންނެވެ. އަދި މި މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއްގެ ގޮތުގައި ގާޒީ ނިންމަވާފައިވެއެވެ.
މި މައްސަލާގައި ތިން މީހުންވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފައެވެ. ނަމަވެސް މިއަދުގެ އަޑުއެހުމުގައި ބަންދު މުރާޖާ ކުރުމަށްފަހު އިކްރާމުއްރަހުމާން ޝަރީއަތް ނިމެންދެން ބަންދުކުރަން ކުރި އަމުރު ބާތިލުކޮށް، އޭނާ ދޫކޮށްލާފައިވެއެވެ.
އިކްރާމްގެ މައްޗަށް ކޮށްފައިވަނީ 6 ދައުވާއެވެ. އޭގެ ތެރޭގައި އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ، މީހަކަށް އަނިޔާއެއް ލިބިދާނެކަމުގެ ބިރު ކުރިމަތި ކުރުވުމުގެ ކުށުގެ ދައުވާ، މުދަލަށް ގެއްލުންދިނުމުގެ ކުށުގެ ދެ ދައުވާ، އެކްސިޑެންޓުވުމުން އެކަމުގެ ރިޕޯޓު ނުކުރުމުގެ ކުށުގެ ދައުވާ އަދި އެހީތެރިކަން ފޯރު ކޮށްނުދިނުމުގެ ކުށުގެ ދައުވާ ހިމެނެއެވެ.

