ދައުލަތުގެ އެކި އިދާރާތަކުން އިސްރަށްވެހިންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިސްރަށްވެހިންގެ ރަޖިސްޓްރީއެއް އެކުލަވާލުމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމަށް އެ މިނިސްޓްރީއާއެކު ޕެންޝަން އޮފީހުން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެ އެއްބަސްވުމުގެ ދަށުން، ޕެންޝަން އޮފީހުން ތައްޔާރުކޮށްފައިވާ ޚާއްސަ ޕޯޓަލްއެއް މެދުވެރިކޮށް އިސްރަށްވެހިންގެ ރަޖިސްޓްރީ ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް އެމަޢުލޫމާތު ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ޕެންޝަން އޮފީހުން މިނިސްޓްރީއަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެ އެއްބަސްވުމުގައި ޕެންޝަން އޮފީހުގެ ފަރާތުން ސޮއިކުރައްވާފައިވަނީ ޗީފް އެގްޒެކެޓިވް އޮފިސަރ، ސުޖާތާ ޙަލީމްއެވެ. އަދި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ފަރާތުން ސޮއިކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރ، އިބްރާހީމް އިސްމާޢީލް ޢަލީއެވެ.

