ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އެ އިދާރާގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ޑިރެކްޓަރެއްގެ މަޤާމަށް މީހަކު ހޯދުމަށް އިއުލާން ކޮށްފިއެވެ. މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތޔ ހުޅުވާލާފައިވަނީ އަންނަ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށެވެ.
މީގެ ކުރިން މި މަގާމުގައި ހުންނެވި ހަސަން ޒިޔާއު ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހު މަގާމުން ވަކިކޮށްފައެވެ. ޒިޔާއު މަގާމާ ހަވާލުވެވަޑައިގަތީ 2019 ވަނަ އަހަރުއެވެ. މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޒިޔާއު ވިދާޅުވެފައިވަނީ، އޭނާ މަޤާމުން ވަކިކޮށްފައިވަނީ ޕާލަމެންޓަރީ ސަރވިސް ގަވާއިދުގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވިކަމަށް ބުނެ ކަމަށެވެ. އަދި އޭނާގެ މަގާމަކީ ސިޔާސީ މަގާމަކަށް ނުވާއިރު، އޭނާ މަޤާމުން ވަކިކޮށްފައިވަނީ ޕާލަމެންޓަރީ ސަރވިސްގެ ގަވާއިދާ ހިލާފަށް ކަމަށް ޒިޔާއު ވިދާޅުވިއެވެ.
މަޖިލީހުގެ އިދާރާއިން ޝާއިއުކޮށްފައިވާ އިޢުލާނުގައިވާ ގޮތުން، މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އެންމެ ދަށް ޝަރުޠަކީ ނޫސްވެރިކަމުގެ ދާއިރާއިން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، ނޫސްވެރިކަމުގެ ދާއިރާއިން މަދުވެގެން 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމެވެ.
މީޑިއާ ޑިރެކްޓަރުގެ މަގާމަށް ކަނޑައަޅާފައިވާ މުސާރައަކީ މަހަކު 15,950 ރުފިޔާއެވެ. މީގެ އިތުރުން ހަމަޖެހިފައިވާ އުސޫލުން އެހެނިހެން އެލަވަންސްތައްވެސް ލިބޭނެއެވެ. މި މަގާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭނީ މަޖިލީހުގެ އިދާރާއިން ދީފައިވާ ލިންކް މެދުވެރިކޮށްކަން އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.

