ޗެމްޕިޔަންސް ލީގުގައި ސްޕޯޓިންގްލިޒްބަން އަތުން އާސެނަލް ފަސޭހަ މޮޅެއް ހޯދިއިރު މެންޗެސްޓާސިޓީއިން ލަދުވެތި ރިކޯޑެއް ގާއިމު ކޮއްފިއެވެ. ރޭގަ ސްޕޯޓިންގްލިޒްބަންގެ ދަނޑުގައި ކުޅުނު މެޗު އާސެނަލިން ކާމިޔާބު ކުރީ 5-1 ގެ ނަތީޖާ އަކުންނެވެ. މެޗުގައި އާސެނަލްގެ ގޯލުތައް އެޓީމަށް ޖަހާދިނީ ގެބްރިޔަލް މާޓެނަލީގެ އިތުރުން ކައި ހަވާޑްސް އާއި ގެބރިޔަލް މަގަލައިސް އާއި ބުކަޔޯ ސަކާގެ އަދި ލިޔަންޑްރޯ ޓްރޮސާޑްއެވެ. ސަކާގެ ގޯލަކީ އާސެނަލްއަށް ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކޮއްދިން ގޯލެކެވެ. މެޗުގައި ފެނިގެންދިޔަ ސްޕޯޓިންގްލިޒްބަންގެ ހަމައެކަނި ގޯލު އެޓީމަށް ޖަހާދިނީ ގޮންޒާލޯ އިނާޝިޔޯއެވެ.
މިނަތީޖާ އާއިއެކު އާސެނަލް ލީގުގެ 7 ވަނަޔަށް 10 ޕޮއިންޓާއި އެކީ ޖެހިލާފަވާއިރު މެޗުން ބަލިވި ސްޕޯޓިންގްލިޒްބަން އޮތީ 10 ޕޮއިންޓާއި އެކު ލީގުގެ 8 ވަނައިގައެވެ. ޕޮއިންޓުގެ ގޮތުން ދެޓީމު އެއްވަރުވި ނަމަވެސް އާސެނަލްއަށް ކުރިލިބުނީ ފައިދާ ގޯލުގެ ތަފާތުންނެވެ.
އާސެނަލް ރޭގެ މެޗުން މޮޅުވިއިރު މެންޗެސްޓާސިޓީ އާއި ފައިނޯޑް ވާދަކުރި މެޗު ނިމިގެން ގޮސްފަ ވަނީ 3-3 ގެ ނަތީޖާ އަކުން އެއްވަރު ވެގެންނެވެ. މެންޗެސްޓާސިޓީގެ އިއްތިހާދް ސްޓޭޑިޔަމްގައި ކުޅުނު މިމެޗުގައި ފުރަތަމަ 3 ގޯލުވެސް ކާމިޔާބު ކުރީ މެންޗެސްޓާސިޓީއިންނެވެ. މެންޗެސްޓާސިޓީގެ ފުރަތަމަ ގޯލު ޕެނަލްޓީ އަކުން މެޗުގެ 44 ވަނަ މިނެޓުގައި އެޓީމަށް ޖަހާދިނީ އެރެލިން ހާލަންޑެވެ. މެންޗެސްޓާސިޓީގެ ދެވަނަ ގޯލް މެޗުގެ 50 ވަނަ މިނެޓުގައި އެޓީމަށް އިލްކޭ ގުންޑުގަން ޖަހާދިންއިރު އެޓީމުގެ ތިންވަނަ ގޯލު މެޗުގެ 53 ވަނަ މިނެޓުގައި އެޓީމަށް ޖަހާދިނީ އެޓީމުގެ ފުރަތަމަ ގޯލު ވެސް ޖަހާދިން ހާލަންޑެވެ. ފައިނޯޑުގެ ފުރަތަމަ ގޯލު މެޗުގެ 75 ވަނަ މިނެޓުގައި އެޓީމަށް އަނަސް ހަޑްޖް ޖަހާދިންއިރު މެޗުގެ 82 ވަނަ މިނެޓުގައި އެޓީމުގެ ދެވަނަ ގޯލު އެޓީމަށް ޖަހާދިނީ ސަންޓިޔާގޯ ޖެމެނޭޒްއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ބާކީ މިނެޓަކަށް ވެފަވަނިކޮށް އެޓީމުގެ ތިންވަނަ ގޯލު އެޓީމަށް ޖަހާދިނީ ދާވިދް ހަންކޯއެވެ.
ރޭގެ މެޗަށް ފަހު މެންޗެސްޓާސިޓީ ވެގެންގޮސްފަ މިވަނީ ޗެމްޕިޔަންސް ލީގުގެ ތާރިޚުގަ ވެސް 75 ވަނަ މިނެޓާއި ހަމަޔަށް 3 ގޯލުގެ ލީޑެއް ގައި އޮތުމައްފަހު އެމެޗަކުން މޮޅު ނުވެވުނު ފުރަތަމަ ޓީމަށެވެ. މިނަތީޖާއާއި އެކު މެންޗެސްޓާސިޓީ ލީގުގެ 15 ވަނައިގައި 8 ޕޮއިންޓާއި އެކީ އޮތްއިރު ފައިނޯޑް ލީގުގެ 20 ވަނައިގައި އޮތީ 7 ޕޮއިންޓާއި އެކީގައެވެ.

