ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބާރު ސްޕީޑުގައި ދުއްވި ސްޕޯޓްސް ކާރަކުން ޖެހި މީހަކަށް ބޮޑެތި އަނިޔާތަކެއްވި މައްސަލާގައި ހައްޔަރުކޮށް، ދައުވާ އުފުލާފައިވާ ހ.ނޫރަންމާގެއާގެ، އިކްރާމުއްރަހުމާން ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވި ކާރެއް، ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގީ މިދިޔަ ޖުލައި މަހު 31 ވަނަ ދުވަހުއެވެ.
މި އެކްސިޑެންޓް ހިނގިއިރު ކާރުގައި އިން އިކްރާމުއްރަހުމާން ބުނެފައިވަނީ އޭނާ ކާރަށް އެރީ މާލެއިން ހުޅުމާލޭ ދެވަނަ ފިޔަވައްސަށް އާއިލީ ގެއަކަށް ދާންޖެހިގެން ދަތުރަކު، ފަސިންޖަރެއްގެ ގޮތުގައި ކަމަށެވެ. އޭނާ އެދުނީ
އެކަމަށް ރިއާޔަތްކޮށް ބަންދުން ދޫކޮށްލައިދިނުމަށެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ޢަލީ ނަދީމް ވަނީ އިކުރާމުއްރަހުމާނަށް ދައުލަތުން ކުރާ ތުހުމަތުތަކަށް ބަލާއިރު އޭނާގެ ސަބަބުން މުޖުތަމައުއަށް ނުރައްކާވާވަރުގެ ކަމެއް ނެތްކަން ފާހަގަކުރައްވާފައެވެ.
އެހެންކަމުން އޭނާ ބަންދުގައި އިތުރަށް ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށް ގާޒީ ވިދާޅުވިއެވެ.
މި މައްސަލާގައި އިކުރާމުއްރަޙްމާންގެ މައްޗަށް 6 ދައުވާއެއް ވަނީ އުފުލާފައެވެ.
އެ ދައުވާތަކަކީ:
- އަނިޔާއެއް ދިނުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ.
- މީހަކު ފަރުވާލެއްނެތި ކުރާ އަމަލެއްގެ ސަބަބުން މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތިކުރުމުގެ ކުށުގެ ދައުވާ.
- މުދަލަށް ގެއްލުން ދިނުމުގައި ބައިވެރިވުމުގެ ކުށުގެ ދެ ދައުވާ.
- އެކްސިޑެންޓްވުމުން އެކަމުގެ ރިޕޯޓުނުކުރުމުގެ ކުށުގެ ދައުވާ.
- އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ.
މި މައްސަލާގައި ދެން ހައްޔަރުކޮށް ދައުވާ އުފުލާފައިވަނީ، ކާރު ދުއްވަން އިން މ.ލޭންޑްއޮފްގާރޑްން އިބްރާހިމް އިކްރާމާއި، ގއ.ކަނޑުހުޅުދޫ/އާޒާދުގެ، ޖިނާހު އިސްމާޢީލްގެ މައްޗަށެވެ.
އިކްރާމް ކުށަށް އިއުތިރާފުވެފައިވާއިރު، އިކުރާމުއްރަހުމާނާއި، ޖިނާހު ވަނީ ދައުވާތަކަށް އިންކާރުކޮށްފައެވެ.
އިކްރާމުގެ މައްޗަށް ކުރާ ދައުވާތަކަކީ:
- އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ.
- މީހަކު ފަރުވާލެއްނެތި ކުރާ އަމަލެއްގެ ސަބަބުން މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތިކުރުމުގެ ކުށުގެ ދައުވާ.
- މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާ.
- އެކްސިޑެންޓްވުމުން އެކަމުގެ ރިޕޯޓުނުކުރުމުގެ ކުށުގެ ދައުވާ.
- އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ.
ޖިނާހުގެ މައްޗަށް ކުރާ ދައުވާތަކަކީ: