ގއ ނިލަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ " ރާވެރިޔާ ވޮލީ މުބާރާތް 2024 " ފިރިހެން ޑިވިޝަންގެ އަށް ވަނަ މެޗުގައި ބޮން ބޮން ސްޕޯޓްސް ކުލަބު އަދި ގއ ކޮނޑޭ ވޮލީ ކުލަބު ވާދަކުރި މެޗު ބޮންބޮން ސްޕޯޓްސް ކުލަބުއިން ކާމިޔާބު ކޮށްފިއެވެ.
ނިލަންދޫ ރަސްމީ ވޮލީކޯޓުގައި ކުރިއަށްދިޔަ މި މެޗު ބޮންބޮން އިން ކާމިޔާބު ކުރީ 3/1 ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓު ކޮނޑޭ ޓީމްއިން މޮޅަށް ކުޅެ ރަނގަޅު ނިންމުންތަކެއް ނިންމާފައިވެއެވެ. އަދި އެޓީމްގެ ޖާޒީ ނަންބަރު 18 އަހުމަދު ފާޒިލްގެ ބާރު ޝޮޓުތަކެއް ފެނިގެން ގޮސްފައިވެއެވެ. މި ސެޓު ވާދަވެރި ކުޅުމަކަށްފަހު 25/21 އިން ކާމިޔާބު ކުރިއެވެ. މެޗުގެ ދެވަނަ ސެޓުގައި ބޮންބޮން ޓީމް ކުޅެމުން ދިޔައީ ވަރަށް އިތުބާރާއި އެކު އެވެ. ރިމޭގެ ބާރު ޝޮޓުތަކެއް ފެނިގެންދިޔަ މިސެޓު 25/11 އިން ކާމިޔާބު ކުރީ ބޮންބޮން ސްޕޯޓްސް ކުލަބުންނެވެ. މެޗުގެ 3 ވަނަ ސެޓުގެ ބޮޑުބައި ބޮޑު ލީޑަކާއި އެކު ކުޅެމުންދިޔައީ ބޮންބޮން ޓީމެވެ. އެހެންނަމަވެސް ސެޓުގެ ފަހުކޮޅު ކޮނޑޭ ޓީމްއިން ރަނގަޅު ނިންމުންތަކެއް ނިންމާފައިވެއެވެ. މި ސެޓު 25/22 އިން ކާމިޔާބު ކުރީ ބޮންބޮން ސްޕޯޓްސް ކުލަބެވެ. މެޗުގެ 4 ވަނަ ސެޓު ފެނިގެން ދިޔައީ ވަރަށް ފޯރިގަދަ ކުޅުމެކެވެ. ދެޓީމުގެ ފަރާތުންވެސް ބާރު ޝޮޓުތަކެއް ފެނިގެން ދިޔަ މި ސެޓުގެ ތަފާތަކަށްވީ ބޮންބޮން ސްޕޯޓްސް ކުލަބުގެ ރިމޭ އެވެ. ސެޓުގެ ފަހުކޮޅު ރަނގަޅު ނިންމުންތަކެއް ނިންމައި 25/23 އިން ސެޓު ކާމިޔާބުކޮށް 3/1 ސެޓުން މެޗު ކާމިޔާބު ކުރިއެވެ.
މި މެޗުން މޮޅުވުމާއި އެކު މި ގުރޫޕުން ސެމީ ފައިނަލްގެ ޖާގަ ބޮންބޮން ސްޕޯޓްސް ކުލަބަށް ޔަގީންވީއެވެ. މިގުރޫޕުން ދެން ސެމީ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފައިވަނީ ޓޮޕް ބްރަދާސް އެވެ. ޓޮޕް ބްރަދާސް ވަނީ ކުޅުނު ދެމެޗު ކާމިޔާބުކޮށްފައެވެ.
މެޗުގެ މޮޅުކުރުންތެރިޔަކަށް ބޮންބޮން ސްޕޯޓްސް ކުލަބުގެ ޖާޒީ ނަންބަރު 12 މުހައްމަދު ރިމާޒް ( ރިމޭ ) އެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަންގެ ގްރޫޕް ބީ ގެ އެއްވަނަ ޓީމް އަދި ދެވަނަ ޓީމް ކަނޑައެޅޭނެ މެޗަކީ ހުކުރު ދުވަހު ބޮންބޮން ސްޕޯޓްސް ކުލަބު އަދި ޓޮޕް ބްރަދާސް ވާދަކުރާނެ މެޗެވެ. މި މެޗުން މޮޅުވާ ބަޔަކަށް މި ގުރޫޕްގެ އެއްވަނަ ލިބޭނެއެވެ.
މުބާރާތުގައި މާދަމާ ވެސް ދެމެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. އަންހެން ޑިވިޝަންގެ ގްރޫޕް ސްޓޭޖް ފަހު މެޗު ޓޮޕް ބްރަދާސް އަދި މާމެންދޫ އަންހެން ވޮލީބޯލް ޓީމް ވާދަކުރާނެއެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ 16:15 ގައެވެ. އަދި ފިރިހެން ޑިވިޝަން ގްރޫޕް އޭ ގެ ކެޕިޓަލް ސިޓީ އަދި ކަނޑުހުޅުދޫ ވޮލީ ޓީމް ވާދަކުރާނެއެވެ. މި މެޗުން މޮޅުވާ ބަޔަކަށް މި ގުރޫޕުން ސެމީގެ ޖާގަ ކަށަވަރު ވާނެއެވެ. މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ 20:15 ގައެވެ.
2022 މި މުބާރާތުގައި ޖުމްލަ 11 ޓީމް ބައިވެރިވިއެވެ. އެއީ ފިރިހެން 4 ޓީމްގެ އިތުރުން އަންހެން 7 ޓީމެވެ. 2023 ވަނަ އަހަރު މުބާރާތުގައި 13 ޓީމްއަކުން ބައިވެރިވި އިރު އަންހެން 6 ޓީމް އަދި ފިރިހެން 7 ޓީމް ބައިވެރިވެފައިވެއެވެ. މިދިޔަ އަހަރުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަނުންނަކީ ކަނޑުހުޅުދޫ އަންހެން ވޮލީބޯލަ ޓީމެވެ. ފިރިހެން ޗެމްޕިއަނުންނަކީ ބޮން ބޮން ސްޕޯޓްސް ކުލަބެވެ.
2022 ވަނަ އަހަރު މިމުބާރާތުގެ ފިރިހެން ޑިވިޝަން ޗެމްޕިއަންކަން ބޮން ބޮން ސްޕޯޓްސް ކުލަބު ހޯދިއިރު އަންހެން ޑިވިޝަން ޗެމްޕިއަން ޓީމަކީ ގެމަނަފުށި ވޮލީބޯލަ ޓީމެވެ.
މިމުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންހެން އަދި ފިރިހެން ދެ ޑިވިޝަނަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޑިވިޝަނެއްގެ ޗެމްޕިއަން ޓީމަށް 20,000/- (ވިހިހާސް) ރުފިޔާގެ އަދި ކޮންމެ ޑިވިޝަނެއްގެ ރަނަރަޕް ޓީމަށް 10,000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށްވަނީ ހަމަޖެހިފައެވެ.

