2021 ގައި ޠާލިބާނުން ވެރިކަމަށް އައި ފަހުން ފުރަތަމަ ފަހަރަށް، އަފްޣާނިސްތާނުން މަންދޫބުންވަނީ އދ ގެ މޫސުމަސް އަންނަ ބަދަލުތަކާ ބެހޭ 29 ވަނަ ޕާޓީތަކުގެ މަހާސިންތާ (ސީއޯޕީ)ގައި ބައިވެރިވެފައެވެ.
މިއަހަރުގެ މި މަހާސިންތާ އޮތް ޤައުމަކީ އަޒަރުބައިޖާނުއެވެ. އެ ގައުމުން އދ ގެ އުސޫލުތަކާއި އެއްގޮތަށް އަފްއާނިސްތާނަށް ވެސް ވަނީ މި މަހާސިންތާގައި ބައިވެރިވުމަށް ދައުވަތު ދީފައެވެ.
އދ އިން ޠާލިބާނުންގެ އަނިޔާވެރި ސިޔާސަތުތަކުގެ ސަބަބުން، އަފްޣާނިސްތާނުގެ ރަސްމީ ސަރުކާރެއްގެ ގޮތުގައި ބަލައިނުގަންނާތީ، އަފްޣާނިސްތާނުގެ މަންދޫބުންނަށް ނޭޝަނަލް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (ނެޕާ) ގެ ނިންމުންތައް ނިންމުމުގެ ހަރަކާތްތަކުގައި ބައިވެރިއެއް ނުވެވެއެވެ.
އެހެންނަމަވެސް، ޠާލިބާނުން ބުނެފައިވަނީ އެމީހުން ބައިވެރިވުމަށް ޝައުޤުވެރިވާ ކަމަށެވެ. އަފްޣާނިސްތާނުގެ މަންދޫބުން ތިމާވެށި ރައްކާތެރިކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ބައިނަލްއަޤްވާމީ ގޮތެއްގައި އެއްބާރުލުން ދިނުމާއި ބެހޭގޮތުން މަޝްވަރާކުރާނެ ކަމަށް އދ ގެ މި ހަރަކާތުގެ ކުރިން ޠާލިބާނުން ނެރުނު ނޫސްބަޔާނެއްގައި ބަޔާންކޮށްފައިވެއެވެ.
އަފްޣާނިސްތާނުގެ މޫސުމަސް އަންނަ ބަދަލުތަކާ ބެހޭ ސައިންސްވެރިންނާއި ދިރަސާކުރާ މީހުންނާއި އެކްޓިވިސްޓުންގެ އިތުރުން ޠާލިބާނުންނާ ދެކޮޅު މީހުން ވެސް މި ކުރިއެރުމަށް ވަނީ މަރުޙަބާ ކިޔާފައެވެ.
އަފްޣާނިސްތާނު ރަސްމީކޮށް އެޖެންޑާގައި ނެތް ކަމުގައި ވިޔަސް ނެޕާގެ މަންދޫބުން އޮބްޒާވަރުންގެ ގޮތުގައި ތިބުމަކީ ބޮޑު ކުރިއެރުމެއް ކަމަށް ކާބުލްގައި ހިންގާ ތިމާވެށްޓާ ބެހޭ ޖަމްޢިއްޔާއެއްގެ މޫސުމީ ބަދަލުތަކާ ބެހޭ އެކްޓިވިސްޓެއް ކަމުގައިވާ އަބްދުލްހާދީ އަޗަކްޒައި ބުނެފައިވެއެވެ. އޭނާ ވެސް ވަނީ މި ސަމިޓްގައި އޮބްޒާވަރެއްގެ ގޮތުގައި ބައިވެރިވެފައެވެ.
އދ ގެ ރިޕޯޓްތަކުން ދައްކާގޮތުގައި އަފްޣާނިސްތާނަކީ މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ އެއް ޤައުމެވެ. ފަހަކަށް އައިސް ހަނަފަސްވުމާއި ހޫނުގެ ސަބަބުން އެތައް ހާސް މީހުން ވަނީ ހާލުގައި ޖެހިފައެވެ.

ބަދުޣީސް ޕްރޮވިންސްގެ ބާލާ މުރުޣާބް ޑިސްޓްރިކްޓްގެ ހަނަފަސް ބިމެއްގައި ހުއްޓިގެން ހުރި ކުޑަކުއްޖެއް. [ހުޝާންގް ހާޝިމީ/އޭއެފްޕީ]
2019 ގައި، ގްލޯބަލް ކްލައިމެޓް ރިސްކް އިންޑެކްސްގައި މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ޤައުމުތަކުގެ ތެރެއިން އަފްޣާނިސްތާނު ވަނީ 6 ވަނައިގައެވެ. އަދި ނޯޓްރް ޑޭމް ގްލޯބަލް އެޑެޕްޓޭޝަން އިންޑެކްސް އިން ދައްކާގޮތުގައި ކާރިސާތަކާއި ކުރިމަތިލުމަށް ތައްޔާރުވެފައި ނުވާ ޤައުމުތަކުގެ ތެރޭގައި އަފްޣާނިސްތާނު ހިމެނެއެވެ.
އަދި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ފައިސާގެ އެހީ ދިނުން ހުއްޓާލެވިފައިވަނީ އިންސާނީ ޙައްޤުތަކާއި އަންހެނުންގެ ޙައްޤުތަކަށް އަރައިގަންނަ ޠާލިބާނުންގެ ސިޔާސަތުތަކާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅެއްގެ ގޮތުގައެވެ.
ޠާލިބާނުން ވެރިކަމަށް އައި ފަހުން 826 މިލިއަން ޑޮލަރުގެ މޫސުމަށްް އަންނަ ބަދަލުތަކަށް ތައްޔާރުވުމުގެ މަޝްރޫޢުތައް ހުއްޓުވާލެވިފައިވެއެވެ. މީގެ ސަބަބުން އިތުރުވަމުންދާ މޫސުމީ ކާރިސާތަކަށް އަފްޣާނުންނަށް ތައްޔާރުވުމުގެ ޤާބިލުކަޤާބިލުކަން ދަށްވެފައިވެއެވެ. މީގެ ތެރޭގައި ދަނޑުވެރިކަމުގެ ނިޒާމާއި ގުޅޭ މަޝްރޫއުތަކާއި އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް ހިމެނެއެވެ.
މޫސުމީ ކާރިސާތަކުގެ ސަބަބުން އެގައުމުގެ ރައްޔިތުންނަށް ދަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ. މިހާރު އެ ޤައުމަށް ވިދިވިދިގެން ތިން އަހަރު ހަނަފަސްވެފައިވާއިރު ފެންބޮޑުވުމުގެ އެތައް ކާރިސާއެއްވެސް ވަނީ ކުރިމަތިވެފައިވެއެވެ. އދ ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް މިއަހަރު އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ގާތްގަނޑަކަށް 120،000 މީހުންނަށް އޭގެ އަސަރުކޮށްފައިވެއެވެ.
އަދި ވަކިން ޚާއްޞަކޮށް، މޫސުމީ ކާރިސާތަކުގެ ތެރޭގައި ހަނަފަސްވުމާއި، ހޫނު ގަދަވުމާއި، ފެންބޮޑުވުމާއި، ބިންގަނޑު ކަނޑައިގެން ދިޔުމާއި، ވައިގަދަވުން ހިމެނެއެވެ. މިއަހަރުގެ ފުރަތަމަ ކޮޅުގައިވެސް ގާތްގަނޑަކަށް 38،000 މީހުން ވަނީ މިކަމުގެ އަސަރުކޮށް ހާލުގައި ޖެހިފައެވެ. ސޭވް ދަ ޗިލްޑްރަން އިން ރިޕޯޓުކުރާގޮތުގައި މީގެ ގާތްގަނޑަކަށް ދެބައިކުޅައެއްބަޔަކީ ކުޑަކުދިންނެވެ.

ކަނޑަހާރު ޕްރޮވިންސްގެ ސްޕިން ބޮލްޑަކް ޑިސްޓްރިކްޓްގައި ފެންބޮޑުވެފައިވާ ސަރަހައްދެއް މީހުން ހުރަސް ކުރުން. [ސަނައުالله ސެއިއަމް/އޭއެފްޕީ]
"ބޮޑެތި އަދަދުތަކުން މީހުން ހިޖުރަކުރުމަކީ، ޙަޤީޤަތުގައި، މޫސުމީ ކާރިސާތަކުގެ ނަތީޖާ." ސްޓުޓްގާޓް ޔުނިވަރސިޓީގެ އަފްޣާނު މޫސުމީ ބަދަލުތަކާ ބެހޭ ދިރާސާވެރިއެއް ކަމުގައިވާ ނަޖީބުﷲ ސަދީދު ބުނެފައިވެއެވެ. "މީހުން އެމީހުންގެ ގެތަކާއި ބިންތައް ދޫކޮށް ދިރިއުޅުމުގެ ވަސީލަތްތައް ހޯދުމަށް އެކި ތަންތަނަށް ހިޖުރަކުރޭ."
ހަނަފަސްވުމުގެ ސަބަބުން ދަނޑުވެރިކަމަށް ވެސް ހުރަސްއެޅިފައިވެއެވެ. ދަނޑުވެރިކަމަކީ އަފްޣާނިސްތާނުގައި އެންމެ ގިނަ މީހުން އާމްދަނީ ހޯދުމަށް ކޮށް އުޅޭ މަސައްކަތެވެ.

ހަނަފަސްވުމުގެ ސަބަބުން ދަނޑުވެރިކަމަށް ވަނީ ހުރަސްއެޅިފައި.
މިހާރުވެސް އެ ޤައުމުގެ ގިނަ އާބާދީއެއް ދިރިއުޅެމުންދަނީ ފަޤީރުކަމުގައެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންގެ އަދަދު އިތުރުވަމުންދެއެވެ. އަދި ލަފާކުރެވޭ ގޮތުގައި އިތުރު ކާރިސާތަކާ ކުރިމަތިލާން ޖެހިއްޖެނަމަ ، އަފްޣާނުގެ ރައްޔިތުން ނުރައްކާތެރި ޙާލަތަކަށް ދިޔުމުގެ ފުރުސަތު ބޮޑެވެ.
ނޮވެމްބަރު 11 އިން 22 އަށް އޮތް ސީއޯޕީ ސަމިޓްގައި ބައިވެރިވި ފަރާތްތަކަށް މި ކާރިސާގެ ނުރައްކާތެރިކަން އަންގައިދެވިފައިވާ ކަމަށް އަޗަކްޒައި އުންމީދުކުރެއެވެ. މިދިޔަ ހަފްތާ ބުދަ ދުވަހު އަފްޣާނިސްތާނުގެ މޫސުމީ ބަދަލުތަކާ ބެހޭ އެކްޓިވިސްޓުން ބޭއްވި އިވެންޓުގައި އަފްޣާނުގެ ސައިންޓިސްޓުންނާއި އާންމު ރައްޔިތުން ވަނީ އެގައުމަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެފައިވާ ނުރައްކާތެރި ހަލަތާއި ބެހޭގޮތުން ވާހަކަދައްކާފައެވެ.
އަޗަކްޒައި ބުނާގޮތުގައި ބައިނަލްއަޤްވާމީ އެކި އޭޖެންސީތަކުން އެ އިވެންޓުގައި ބައިވެރިވިއެވެ. އަދި އަފްޣާނިސްތާނާއި ދޭތެރޭ ބައިނަލްއަޤްވާމީ ބައިވެރިންގެ މެދުފައި އޮތް ވިސްނުމަށް އެދެވޭ ބަދަލެއް އައިސްފައިވާކަން އޭނާއަށް ފާހަގަކުރިއެވެ.
ހަނަފަސްކަމުގެ ސަބަބުން ގިނަ ބަޔަކަށް ބޯފެން ހޯދުމަށް ދަތިވެފައިވާ ކަމަށް އަޗަކްޒައި ބުނެފައިވެއެވެ. "ގިނަ އަފްޣާނުން ބޯފެން ނެގުމަށް ބަރޯސާވާ ބިމުގެ އަޑީގައިވާ ފެންފަށަލަތައް އަލުން ފެން އުފެދޭ މިންވަރަށްވުރެ އަވަހަށް ހުސްވަމުންދަނީ."
އަޗަކްޒައިގެ ޖަމްޢިއްޔާ ކަމުގައިވާ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން، ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް އޯގަނައިޒޭޝަނުން ކާބުލްގައި ކުރި ސަރވޭއަކުން ދައްކާގޮތުގައި ގިނަ ބަޔަކަށް ބިމުގެ އަޑީގެ ފެން ހޯދުމަށް ފުން ވަޅުތައް ކޮނެފައިވެއެވެ. މިއީ އަފްޣާނިސްތާނުގެ ވެރިރަށް ކަމުގައިވާ ކާބުލްގައި ބޭނުންކުރާ މައިގަނޑު ފެނުގެ ވަސީލަތެވެ.
މީގެ އިތުރުން، މި ދިރާސާއިން ދައްކާގޮތުގައި ގިނަ މީހުން ފެނުގެ ދަތި ކަމުގެ ސަބަބުން އެމީހުންގެ ބިންތަކާއި ދަނޑުތައް ދޫކޮށްލައި ކާބުލްއަށް ހިޖުރަކޮށްފައިވެއެވެ. އެހެންނަމަވެސް އެ ސިޓީގައި ވެސް ފެން އެހާ ތިޔާގިއެއް ނޫނެވެ.

ގިނަ ބަޔަކު ފެނުގެ ދަތި ކަމައި ހުރެ އެމީހުންގެ ބިންތަކާއި ދަނޑުތައް ދޫކޮށްލައި ކާބުލްއަށް ހިޖުރަކޮށްފައިވޭ.
އަފްޣާނިސްތާނުގެ ފެނާއި ހަކަތައިގެ މިނިސްޓްރީން އޮކްޓޯބަރު 2022 ގައި ނެރުނު ފީސިބިލިޓީ ރިޕޯޓަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި މިހާރު ބިމުގެ އަޑީގައިވާ ފެނުގެ މިންވަރުން ފުދެނީ އެ ސިޓީގެ އިތުރުވަމުންދާ ބޭނުންތަކުގެ 40 އިންސައްތަ އެކަނިއެވެ.
މީގެ ނަތީޖާއެއްގެ ގޮތުން، ޢާއިލާތަކުން، ޚާއްޞަކޮށް ކުޑަކުދިން، ގިނަ ވަގުތާއި ބުރަ މަސައްކަތް ކުރަންޖެހެނީ ފެން ހޯދުމަށެވެ. "އެމީހުން ކޮންމެ ދުވަހަކު ހެން އެތައް މޭލެއް ދުރަށް ހިނގަންޖެހެއެވެ. ގިނަފަހަރު ފެން ލިބެނީ ހަޑިވެ ތަޢައްޔަރުވެފައިވާ ތަންތަނުންނާއި ފެން ވިއްކާ ޓޭންކުތަކުން ގަނެގެން." އަޗަކްޒައި ބުނެފައިވެއެވެ.
ކުރިއަށް އޮތް އަހަރު އެހެން އަހަރުތަކަށްވުރެ ހަނަފަސް އަހަރަކަށް ވާނެ ކަމަށް ލަފާކުރެވެއެވެ. ދިގު މުއްދަތަކަށް ހަނަފަސްކަން ދެމިގެންދާނެ ކަމަށް ލަފާކުރެވޭއިރު ބައިނަލްއަޤްވާމީ މުޖުތަމަޢުން މޫސުމީ ބަދަލުތަކުގެ އަސަރު ކުޑަކުރުމަށް މިހާރުގެ އަފްޣާނު ސަރުކާރާއެކު މަސައްކަތްކުރުމަކީ މުހިންމު ކަމެއް ކަމަށް އަޗަކްޒައި ބުނެފައިވެއެވެ.
ތާލިބާން ސަރުކާރު އައި ފަހުން ބައިނަލްއަޤްވާމީ އެހީ ހުއްޓާލުމުގެ ސަބަބުން އަފްއާނިސްތާނަށް ވަނީ ވަރަށް ބޮޑު ގެއްލުމެއް ލިބިފައެވެ . އެގޮތުން އެމެރިކާއިން އެ ޤައުމުގެ ރައްޔިތުންނަށް ފޯރިކޮށްދޭ އެހީގެ މަޝްރޫޢުތަކަށް ދޭ މާލީ އެހީ 2022 ވަނަ އަހަރު 1.26 ބިލިއަން ޑޮލަރުން 2023 ވަނަ އަހަރު 377 މިލިއަން ޑޮލަރަށް ދަށްކޮށްފައިވެއެވެ. އަދި މީގެ އިތުރުން، ގިނަ ޤައުމުތަކުން އަފްޣާނިސްތާނަށް ފޮނުވާ އެހީ ހަމައެކަނި ރައްޔިތުންގެ ބޭނުންތަކަށް ހަނިކޮށް، ތަރައްޤީގެ މަޝްރޫޢުތަކަށް ފަންޑުކުރުން ހުއްޓާލާފައިވެއެވެ.
މޫސުމީ ބަދަލުތަކާ ބެހޭ މަސައްކަތުން އަފްޣާނިސްތާނު އެކަަހެރިކޮށްލުމުގެ ސަބަބުން އެގައުމުގެ ރައްޔިތުންނަށް އެކަމުގެ ނުރައްކާތެރި އަސަރު ކުރަމުންދާކަމަށް އެގައުމުގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ދިރާސާކުރާ ފަރާތްތަކުން ބުނެފައިވެއެވެ.

