ރާއްޖޭގެ އެކި ހިސާބަށް މިއަދު ވިއްސާރަކުރާނެ ކަމަށާއި، ކަނޑުތައް ގަދަވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އޮފީހުން ލަފާކޮށްފިއެވެ.
އިއްޔެއިން ފެށިގެން ޑިސެމްބަރު 01 ގެ ނިޔަލަށް ރާއްޖޭގެ ސަރަހައްދަށް އާންމު ވައި ބާރުވެ، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ގަދަވެ މޫސުން ގޯސްވާނެ ކަމަށް ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
މިއަދުގެ މޫސުން ލަފާކުރާ ގޮތް ހާމަކޮށް މެޓް އޮފީހުން ބުނީ މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް އަތޮޅުތަކަށް ވިއްސާރަކުރާނެ ކަމަށާއި، ގުގުރުން އެކަށީގެންވާ ކަމަށެވެ. ނަމަވެސް އުތުރުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.
މީގެއިތުރުން ދެކުނުގެ ކަނޑުތައް ގަދަވާނެ ކަމަށާއި، އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
މެޓް އޮފީހުން ބުނި ގޮތުގައި ދެކުނުގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 4 – 7 ފޫޓާ ދެމެދުއެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 3 – 5 ފޫޓާ ދެމެދުއެވެ.

