މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ ބްރޯޑްކޮމްގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި 18 ނޮވެންބަރުގައި ކޮށްފައިވާ އިއުލާނު ބާތިލުކޮށް، އެ ކޮމިޝަނުގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން 2 މެންބަރެއްގެ މުއްދަތު ހަމަވާތީ، އެ ކޮމިޝަނަށް މެންބަރުން އައްޔަންކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވައިލާ ކަމަށެވެ.
އެ ފުރުސަތު ހުޅުވާލައިފައިވަނީ މިއަދުން ފެށިގެން 9 ޑިސެންބަރު ވާ ހޯމަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ.
ކޮމިޝަނުގެ މެންބަރުކަމަށް އައްޔަންކުރާ މީހުންގެ ކިބައިގައި ތިރީގައިވާ ޝަރުތުތައް ފުރިހަމަވާންވާނެކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.
(1) މުސްލިމަކު ކަމުގައިވުން
(2) ދިވެހިރައްޔިތަކު ކަމުގައިވުން
(3) އުމުރުން 18 އަހަރު ވެފައިވުން
(4) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
(5) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ މަގާމެއްގައި ހުރި މީހަކު ކަމުގައި ނުވުން
(6) ސިވިލް ސަރވިސްގެ ނުވަތަ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ އެހެންވެސް ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން
(7) ކޮމިއުނިކޭޝަނާއި ބްރޯޑްކާސްޓްކުރުމުގެ ދާއިރާގައި މާލީ މަސްލަހަތެއް އޮތް މީހަކު ކަމުގައި ނުވުން.
މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިގުރާރާއި، ކުށާއި ދަރަނީގެ ރެކޯޑު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
މި ފޯމުތަކާއި އިގުރާރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

