ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން އިންތިޒާމްކޮށްގެން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލްއަގުވާމީ ޒަކާތު ކޮންފަރެންސް، އިންޒެކް 2024 މިއަދު ފަށައިފިއެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދާ މި ކޮންފަރެންސް ފެށީ މިއަދު 7:30 ގައެވެ.
މި ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ކޮންފަރެންސަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ގާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމެއް ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ ކޮންފަރެންސެކެވެ.
މި ކޮންފަރެންސްގައި އިލްމުވެރިންނާއި، މި މަސައްކަތުގައި އުޅޭ މީހުންނާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި، މުޖުތަމައުގެ އިސްވެރީން ގުޅިގެން، އިޖުތިމާއީ ދުޅަހެޔޮކަމާއި އިގުތިސާދީ ހަމަޖެހުމަށްޓަކައި މުހިންމު ވަސީލަތެއްގެ ގޮތުގައި ޒަކާތުގެ ހިންގުން ހަރުދަނާކޮށް، ހަރުދަނާކަން އިތުރުކުރެވޭނެ އިސްތިރާޖުތައް ދެނެގަތުމަށް ވަނީ ހަމަޖެހިފައެވެ.
ޒަކާތު ހައުސްއިން ބުނީ މި ކޮންފަރެންސްގެ އަމާޒަކީ، ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީ މައިދާނަށް ފެތޭ ގޮތަށް، އަވަސް އަދި ފަސޭހަ ގޮތަކަށް ޚިދުމަތްދެވޭ ޒަކާތުގެ އޮނިގަނޑެއް ގާއިމުކޮށް، މި ނިޒާމުގެ ތެރެއިން ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިކޮށްދިނުން ކަމަށެވެ.
މި ކޮންފަރެންސްގައި ރާއްޖޭގެ އެކި މުއައްސަސާތަކުންނާއި، މެލޭޝިޔާގެ ބައެއް އިންސްޓިޓިއުޝަންތަކުން ބައިވެރިވެއެވެ. އަދި މި ކޮންފަރެންސްގެ ޕެނެލިސްޓުންގެ ގޮތުގައި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިންނާއި، އިސްލާމިކް ފައިނޭންސްއާއި އިގުތިސާދީ ދާއިރާގެ މާހިރުން ބައިވެރިވެވަޑައިގަންނަވައެވެ.
ރާއްޖޭގެ ޒަކާތުގެ ނިޒާމު ހިންގުން ހަރުދަނާކޮށް، ޒަކާތުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ނަމުގައި ވަކި އިދާރާއެއް ހެއްދެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ 15 ޑިސެމްބަރު 2023 ގައެވެ.
ޒަކާތު ހައުސް ހިންގަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދަށުންނެވެ.

