ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ފަރާތުން އިސްލާމީ ކަންކަމަށް ބަހައްޓަވާ މުހިއްމުކަމަކީ ލިބިވަޑައިގަންނަވާ އެންމެ ބޮޑު އުފާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ޒަކާތު ކޮންފަރެންސް ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ޒަކާތުގެ ކަންކަން ހަރުދަނާކޮށް ކުރިއެރުވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދަށުން ޒަކާތަށް ޚާއްސަ އިދާރާއެއް އުފައްދަވައި، އިސްލާމީ ފިގުހުގެ އަލީގައި މުއައްސަސާ ކުރިއެރުވުމަށް ރައީސް ޑރ.މުޢިއްޒު ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވައިފައެވެ. އަދި އެއީ ރާއްޖޭގެ ވެރިއެއްގެ ފަރާތުން މިފަދަ ކަމަކަށް ދެއްވާނެ އެންމެ ފުރިހަމަ އެއްބާރުލެއްވުންކަން ފާހަގަކުރައްވައި ޑރ. ޝަހީމް ވަނީ އެކަމަށްޓަކައި ޝުކުރު އަދާ ކުރައްވާފައެވެ.
ކުރިއާ އަޅާ ބަލާއިރު، ޒަކާތަށް ބޮޑެތި ކުރިއެރުންތަކެއް އައިސްފައިވާ ކަމަށާއި، އަހަރެެއްގެ ތެރޭގައި ޒަކާތަށް ޖަމާވާ އަދަދު 100 މިލިއަނާއި ގާތްކުރާ ވަރަށް ކުރިއަށް ގޮސްފައިވާކަން ވެސް އެމަނިފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ އެކަމުން އެނގިގެން ދަނީ ޒަކާތަށް އާއްމުންގެ ހޭލުންތެރިކަން އިތުރުވަމުންދާ މިންވަރުކަމަށެވެ.
މީގެއިތުރުން ވަޒީރު ވިދާޅުވީ ރައީސް ޑރ. މުޢިއްޒުގެ ފަރާތުން އިސްލާމީ ކަންކަމަށް ބަހައްޓަވާ މުހިއްމުކަމާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި، ވުޒާރާގެ ދަށުގައިވާ މުއައްސަސާތައް ހަރުދަނާކޮށް ކުރިއެރުވުމަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަކީ ލިބިވަޑައިގަންނަވާ އެންމެ ބޮޑު އުފާ ކަމަށެވެ.

