ކ.ގުޅީގައި ފާނަބަސަންދު ފެތުރުން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ސިއްހީ ވުޒާރާއިން މިއަދު ބުނެފިއެވެ.
ސިއްހީ ވުޒާރާއިން ބުނީ މި ނޮވެމްބަރު މަހުން ފެށިގެން ފާނަބަސަންދުގެ ކޭސްތައް އިތުރުވަމުންދިޔަ ނަމަވެސް މި ވޭތުވެދިޔަ ތިން ދުވަހު އެއްވެސް ކޭސްއެއް ފެނިފައިނުވާ ކަމަށާއި، މިހާތަނަށް އެ ރަށުން ފެނިފައިވަނީ ފާނަބަސަންދުގެ 22 ކޭސް ކަމަށެވެ.
ފާނަބަސަންދު ޖެހިގެން އައިޖީއެމްއެޗުގައި ފަރުވާދެމުންދިޔަ ދެ ދެ މީހުން މިިހާރު ދޫކޮށްލާފައިވާ ކަމަށާއި، މިވަގުތު ސީރިއަސްވެގެން ފަރުވާދެމުންދާ މީހަކު ނެތް ކަމަށް ސިއްހީ ވުޒާރާއިން ބުންޏެވެ.
ވުޒާރާއިން ބުނީ ގުޅީގައި ފާނަބަސަންދު ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މިހާތަނަށް 87 މީހަކަށް ވެކްސިންދީފައިވާ ކަމަށާއި، އޭގެ ތެރޭގައި ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި އާއްމުން ހިމެނޭ ކަމަށެވެ.
މީގެއިތުރުން އާއްމުންނާއި، ސްކޫލް ކުދިންނާއި ބެލެނިވެރިންނަށް ބައްޔ ގުޅޭ މައުލޫމާތު ދިނުމުގެ ހަރަކާތްތައް އެ ރަށުގައި ކުރިއަށް ގެންދިޔަކަމަށް ވެސް ވުޒާރާއިން ވަނީ ބުނެފައެވެ.
ފާނަބަސަންދު އަކީ ވައިރަހަކުން ޖެހޭ ބައްޔެކެވެ. މި ބައްޔަކީ އާއްމުކޮށް ކުޑަކުދިންނަށް ޖެހޭ ބައްޔެއްކަމުގައި ވީ ނަމަވެސް ބޮޑެތި މީހުންނަށްވެސް މި ބަލި ޖެހެއެވެ.
މި ބަލި ޖެހުމުން ފެންނާނެ އާންމު އަލާމާތްތައް:
ހުންއައުން.
ވަރުދެރަވުން.
ނޭފަތުން ފެންއައުން.
ހަމުގައި ބިހިތަކެއް ނެގުން.
ހަމުގައި ނަގާ މި ބިހިތައް ފެންފޮޅުތަކަކަށް ބަދަލުވެއެވެ. މި ބިހިތަކަކީ ވަރަށް ހިރުވާ އަދި ފަސޭހައިން ފަޅައިގެންދާ ބިހިތަކެކެވެ. އަދި ދެތިން ދުވަސްތެރޭގައި ހަށިގަނޑުގެ އެކިތަންތާގައި ފެންބިހިގޮތައް ހުންނަ ބިހި ނަގަން ފަށައެވެ.
މި ބަލި ފެތުރެނީ ބަލިޖެހިފައި ހުރި މީހަކު ކެއްސާ ކިނބިހި އަޅާ ހަދާއިރު، ނޭވާލާ ނިޒާމުގެ ޒަރީޔާއިންނާއި، ބަލި މީހާގެ ގައިގައި ބިހިނަގަން ފެށުމުން، އެމީހާގެ ގައިގައި ބީހުމުން ނުވަތަ އޭނާ ބޭނުންކޮށްފައިވާ ތުވާލި، އަންނައުނު ފަދަ ތަކެތީގައި ބީހުމުންނެވެ. އަދި ގައިގައި ހުރި ބިހިތައް އެއްކޮށް ކުރަމަގާލިލަންދެން މި ބަލި އެކަކުގެގައިން އަނެކެއްގެ ގަޔަށް ފެތުރުމުގެ ފުރުސަތު އޮންނާނެއެވެ.
ކުރިން ފާނަބަސަންދު ނުޖެހޭ ކޮންމެ މީހަކީ މިބަލިޖެހިދާނެ މީހެކެވެ. އެއްފަހަރު މި ބަލި ޖެހިއްޖެނަމަ ދެވަނަ ފަހަރަށް މި ބަލި ޖެހުމުގެ ފުރުސަތު ވަރަށް ކުޑައެވެ.
މި ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ބަލިޖެހިފައިވާ މީހުން ގާތަށް ޒިޔާރަތްނުކުރުން، ބަލިޖެހިފައިވާ މީހާ/ކުއްޖާ އޭނާގެ ގައިގައި ނަފާފައިވާ ބިހިތައް އެއްކޮށް ކުރަމަގާލިލަންދެން ބޭރު ތެރެއަށް ނުނިކުތުން، ބަލި ޖެހިއްޖެނަމަ ގޭގައި އުޅޭ އެހެން މީހުންނާ އެކަހެރިވުން، ބަލި ފަސޭހަވަންދެން ހިފާ ގެންގުޅޭ ތަކެތި ( އަންނައުނު، ތުވާލި ކުޅޭ އެއްޗިހި ފަދަ ތަކެތި ) ވަކި ކުރުން އަދި މި ބަލިން ރައްކާތެރިވުމަށް ޗިކަންޕޮކްސް ވެކްސިން ޖެހުން ހިމެނެއެވެ.

