މާލެސިޓީ، މަގެއްގެ މައްޗަށް ވެއްޓިފައިވާ އޮތް މީހަކު ފެނިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 8:56 ހާއިރު އާޓިފިޝަލް ބީޗު ކައިރިން މަގުމައްޗަށް ވެއްޓިފައި އޮތް މީހަކު ފެނިގެން، ފުލުހުން އެތަނަށް ގޮސް އެމީހާ ނަގައިގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް އެމީހާ މިއަދު ހެނދުނު 10:03 ހާއިރު ނިޔާވެފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
ނިޔާވެފައިވަނީ ސ. ހިތަދޫ، ސޯސަންގޭ އުމުރުން 53 އަހަރުގެ އަހުމަދު ޝަރީފު ކިޔާ މީހެކެވެ.
މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

