ކޫއްޑޫ ފިޝަރީޒް ކޮންޕްލެކްސްއާއި އައްޑޫ ފިޝަރީޒް ކޮންޕްލެކްސްއަށް މަސްވެރިން ކިރާފައިވާ މަހަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކާ ހަލާސްކޮށްފައިވާ ކަމަށް މިފްކޯއިން ހާމަކޮށްފިއެވެ. މިފްކޯއިން އެންމެ ފަހުން މަސްވެރިންނަށް ފައިސާ ދޫކޮށްފައިވަނީ އިއްޔެއެވެ.
2023 ވަނަ އަހަރުގެ ނޮވެމްބަރ 17 އިން މިއަހަރުގެ ނޮވެމްބަރ 15 ވަނަ ދުވަހަށް މަސްވެރިންނަށް 918 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށާއި އެއީ ޖުމްލަ 50،588 މެޓްރިކް ޓަނަށްވާ ފައިސާ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.
ހަމަމިއާއެކު، މިފްކޯއިން ހިންގަމުން އަންނަ ކޫއްޑޫ ފިޝަރީޒް ކޮންޕްލެކްސްއާއި އައްޑޫ ފިޝަރީޒް ކޮންޕްލެކްސްއަށް މަސްވެރިން ކިރާފައިވާ މަހަށް ފައިސާދީ ހަލާސްކޮށްފައިވާ ކަމަށްވެސް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.
އެހެންނަމަވެސް، މިފްކޯއިން އަންނަނީ އޮކްޓޯބަރ 28 އިން ނޮވެމްބަރ 15 އަށް މަސްވެރިން ފެލިވަރަށް ކިރުވާފައިވާ މަހަށް ފައިސާ ދިނުމުގެ ކަންކަން ކުރަމުންނެވެ. މިފްކޯގެ ބެކްލޮގްގައި މިވަގުތު މަސްވެރިންނަށް ދައްކަންޖެހޭ ފައިސާގެ އަދަދަކީ 30 މިލިޔަން ރުފިޔާއެވެ.
މިސަރުކާރު ވެރިކަމާ ހަވާލުވީއިރު ދިވެހި ސަރުކާރުން މަސްވެރިންނަށް ދައްކަންޖެހޭ ގާތްގަނޑަކަށް 250 މިލިއަނެއްހާ ރުފިޔާ ހުއްޓެވެ. މިހުރިހާ ފައިސާއެއް މިސަރުކާރުންވަނީ ދައްކާ ހަލާސްކޮށްފައެވެ. އަދި މަސްވެރިން މިފްކޯއަށް ކިރުވާ މަހަށް އެންމެ ލަސްވެގެން 2 ހަފްތާގެ ތެރޭގައި ފައިސާ ދޫކުރުމަށް މިސަރުކާރުން ވަނީ ނިންމާފައެވެ. އަދި އެކަމަށް ދަނީ މަސައްކަތްވެސް ކުރަމުންނެވެ.

