މޯލްޑިވްސް ޕޮލިޓެކްނިކް ޒަމާނީކޮށް ރީބްރޭންޑް ކުރުމަށް ނިންމާފައިވާކަމަށް މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ސަރުކާރަށް 1 އަހަރުވުމާއި ގުޅިގެން ދައުލަތުގެ މީޑީއާއިން ގެނެސްދޭ “ހަފުތާ 52” ޕްރޮގުރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ޑރ. މާރިޔާ ވިދާޅުވީ ޕޮލިޓެކްނިކް ޒަމާނީކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނެކަމަށެވެ. މިހާރުގެ ޒުވާނުން ބޭނުންވަނީ އައިސް އުފާވެރި މާހައުލެއްގައި ކިޔެވޭނެ މަގު ތަނަވަސްވުމަށްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިހާރު ޕޮލިޓެކްނިކްގައި އެފަދައިން އިންތިޒާމްތައް ހަމަޖެހިފައިނުވާ ކަމަށެވެ.
“އެތަނުގައި ކިޔައިވައިދެމުންދަނީ އެންމެ ކުރީގެ ގޮތްތަކަށް ނަމަވެސް ކިޔަވައިދިނުމުގައި ޓެކްނޮލޮޖީގެ އެކި ވަސީލަތްތަކުގެ ބޭނުން ހިފަންޖެހޭ. އަދި އޮންލައިންކޮށް ކިޔަވައިދިނުމުގެ ފުރުސަތުވެސް ޤާއިމުކުރުމުގެ މަސައްކަތް ކުރުމުގެ ވިސްނުން އެބަހުރި.” މަތީ ތަޢުލީމާބެހޭ ވަޒީރު ޑރ. މާރިޔާ ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ޕޮލިޓެކްނިކް ޒަމާނީކުރާއިރު، އެންމެ ފަހުގެ މޮޑެލަށް، ޒަމާނީ ވަސީލަތްތަކާއެކު ކިޔަވައިދޭނެކަމަށެވެ. އަދި އެތަން ރީބްރޭންޑު ކުރުމަށްވެސް ނިންމާފައިވާކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.
މޯލްޑިވްސް ޕޮލިޓެކްނިކަކީ 12 އޭޕްރީލް 2010 ގައި އުފައްދާފައިވާ، އެކި ދާއިރާތަކުން ރާއްޖެއަށް ބޭނުންވާ ހުނަރުވެރި މަސައްކަތްތެރިން ތަމްރީނު ކުރުމަށާއި، ވަޒީފާތަކަށް ކުރިމަތިލާ ޒުވާނުންނަށް އެދާއިރާއަކުން ސީދާގޮތެއްގައި ފަންނީ ތަމްރީނުދިނުމަށް ސަރުކާރުން އުފައްދަވާފައިވާ މުއައްސަސާއެކެވެ. ސެޓްފިކެޓް ލެވެލުން ފެށިގެން ޑިޕްލޮމާއާއިހަމައަށް ކިޔެވުމުގެ ފުރުސަތު އޮންނަ ޕޮލިޓެކްނިކުން އެކިދާއިރާތަކުން ދަނީ ފަންނީ ތައުލީމު އުނގަންނައިދެމުންނެވެ. މީގެ އިތުރަށް ޕޮލިޓެކްނިކްގެ ކެމްޕަސްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމުކޮށް ދަނީ ޒުވާނުން ތަމްރީންކުރަމުންނެވެ.

