އަލްބޭނިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލު، އެ ގައުމުގެ ޚާރިޖީ ވަޒީރު، އިގްލީ ހަސާނީއަށް މިއަދު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މިނިސްޓަރުގެ މެސެޖުގައި ވަނީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އެމަނިކުފާނުގެ އަމިއްލަ ނަމުގައި އަލްބޭނިއާ ސަރުކާރަށާއި ރައްޔިތުންނަށް، އަލްބޭނިއާގެ މިނިވަން ދުވަހުގެ ތަހުނިޔާއާއި، ހެޔޮއެދުންތައް ފޮނުއްވައިފައެވެ.
މީގެއިތުރުން މިނިސްޓަރުގެ މެސެޖުގައި ވަނީ އުއްމީދަކީ ދެ ގައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި، ދެ ގައުމުގެ ދެމެދުގައިވާ އޮތް ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި ވެސް އިތުރަށް ބަދަހިވެގެންދިޔުންކަން ފާހަގަކުރައްވައިފައެވެ.
”އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ގަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުންކުރީމެވެ.” މެސެޖު ނިންމަވައިލައްވަމުން ލިޔުއްވާފައިވެއެވެ.

