ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޝަރީއާ ކޮމްޕްލައެންޓް ބީއެމްއެލް އިސްލާމިކް ވިސާ ކްރެޑިޓް ކާޑު ތައާރަފުކޮށްފިއެވެ.
ބީއެމްއެލްއިން ބުނީ މިއަދު ތައާރަފުކުރި އިސްލާމިކް ވިސާ ކްރެޑިޓް ކާޑަކީ ކަސްޓަމަރަށް ޚިދުމަތް ފޯރުކޮށްދިނުމުން އެއްބަސްވެފައިވާ ފީއެއް ނެގޭ ގޮތަށް އިސްލާމިކް ބޭންކިންގެ އުޖްރާ އުސޫލުން ފަރުމާކޮށްފައިވާ ކާޑެއް ކަމަށެވެ.
ކްލެސިކް، ގޯލްޑް، ޕްލެޓިނަމް އަދި ސިގްނޭޗަރ ކާޑު ލިބެން ހުންނަ މި ވިސާ ކާޑަކީ ރާއްޖެއާއި، ރާއްޖެއިން ބޭރު މުއާމަލާތްތައް ކުރެވޭ ގޮތަށް އެންމެ ފަހުގެ ސަލާމަތީ ފިޔަވަޅުތައް އެކުލެވޭ ކާޑެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިޔަފާރިތައް ކުރުމަށް ފަސޭހަކަމާއެކު މި ކާޑު ބޭނުންކުރެވޭނެއެވެ.
މި ކާޑު ކަސްޓަމަރުންނަށް، ބީއެމްއެލް ރިވޯޑްސް ޕްރޮގްރާމްގައި ބައިވެރިވެ، ކްރެޑިޓް ކާޑުން ކުރާ މުއާމަލާތްތަކަށް ޕޮއިންޓް ހޯދޭނެއެވެ. އަދި ފްލައިޓް ޓިކެޓް، ކާރު ކުއްޔަށް ނެގުން، ހޮޓެލް ބުކިންތަކަށް ނުވަތަ ރާއްޖެއާއި، ރާއްޖެއިން ބޭރުގެ މަރޗަންޓުންގެ ވައުޗަރ ހޯދުމަށް ވެސް ރިވޯޑް ޕޮއިންޓްސް ބޭނުންކުރެވޭނެއެވެ.
ބީއެމްއެލްގެ ޑައިރެކްޓަރ އޮފް އިސްލާމިކް ބޭންކިންގ ޙަސަން ކަލާމް ވިދާޅުވީ ކަސްޓަމަރުންނަށްދޭ އިސްލާމިކް ބޭންކިންގެ ޚިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ތެރެއިން ޝަރުއީ ހަމަތަކަށްފެތޭ ކްރެޑިޓް ކާޑު ޕޯރޓްފޯލިއޯއަށް، ވިސާ ކްރެޑިޓް ކާޑު ތައާރަފުކުރުން ވެގެންދިޔުމަކީ ބީއެމްއެލްއަށް ލިބޭ އުފަލެއް ކަމަށެވެ. އަދި ބީއެމްއެލްގެ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފޯރުކޮށްދެމުންދާ ވިސާގެ ޚިދުމަތްތަކާއި އެއްހަމައެއްގައި އިސްލާމިކް ބޭންކިންގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިދުމަތް ބޭނުންވާ ކަސްޓަމަރުންނަށް ޚާއްސަ އަދި ރައްކާތެރި ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.
ބީއެމްއެލް އިސްލާމިކް އިން އަންނަނީ ރާއްޖޭގެ އިސްލާމިކް ބޭންކިންގް ދާއިރާއަށް ތަފާތު އައު ޚިދުމަތްތައް ތައާރަފު ކުރަމުންނެވެ.
އެގޮތުން މި އަހަރު ކުރީކޮޅު ވަނީ ރާއްޖޭގެ ފުރަތަމަ ޝަރީއާ ކޮމްޕްލައެންޓް ކްރެޑިޓް ކާޑު ތައާރަފުކޮށްފައެވެ.

