ވަކި މީހަކު އިސްތިސްނާނުކޮށް ބައިނަލްއަގުވާމީ ކޯޓުތަކުގެ އަމުރުތައް ރާއްޖެއިން ތަންފީޒުކުރާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިހުސާން މިފަދައިން ވިދާޅުވެފައިވަނީ، އިސްރާއީލުގެ ބޮޑުވަޒީރު ބިންޔާމިން ނެތަންޔާހޫ ރާއްޖެ އަތުވެއްޖެނަމަ ހައްޔަރުކުރާނެތޯ ސުވާލުކުރުމުން އެމަނިކުފާނު ހަނުހުންނެވި ކަމަށް ބުނެ ރާއްޖޭގެ މީޑިއާއަކުން ރިޕޯޓުކުރި ޚަބަރަކާ ގުޅިގެންނެވެ.
އެ ޚަބަރާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން މިރޭ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، "ރާއްޖެއަކީ ބައިނަލްއަގުވާމީ ކޯޓުތަކުގެ އަމުރުތައް ވަކި މީހަކު އިސްތިސްނާނުކޮށް ތަންފީޒުކުރާނެ ޤައުމެއް" ކަމަށެވެ.
މިނިސްޓަރުގެ މި ބަޔާން އައިސްފައިވަނީ، އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން (އައިސީސީ) އިސްރާއީލުގެ ބޮޑުވަޒީރު ބިންޔާމިން ނެތަންޔާހޫ އާއި އޭނާގެ ސަރުކާރުގެ ކުރީގެ ޑިފެންސް މިނިސްޓަރު ޔޮއާވް ގަލާންޓް ހައްޔަރުކުރުމަށް އަމުރުކޮށްފައިވަނިކޮށެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 44،000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް ރިޕޯޓުތައް ދައްކައެވެ. އަދި ފާއިތުވި 24 ގަޑިއިރު ތެރޭގައި އެކަނި ވެސް ޣައްޒާއިން 71 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ވެސް ރިޕޯޓުތަކުގައި ބުނެއެވެ.

