ހއ.މުރައިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ %92 ނިމިފައިވާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
އެމްޓީސީސީއިން އިއްޔެ ބުނީ މުރައިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ބާކީހުރި މަސައްކަތްތަކަށް ބޭނުންވާ ބޮޑު ހިލައިގެ ޝިޕްމަންޓްތައް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށެވެ. އަދި ރިވެޓްމެންޓް ޕްރޮފައިލިންގ މަސައްކަތުގެ 50 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 32,721 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 3,817 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ނެރު ފުންކުރުމާއި، 232 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމާއި، 395 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި، 202 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓްޖެހުމުގެ މަސައްކަތް ހިމެނެއެވެ.
މީގެއިތުރުން 50 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 1,933 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓު ހެދުމާއި، ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ބުރިޖެއް ހެދުމާއި، ނެރުބައްތިއާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުއަކީ 34.28 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.

