ގާނޫނުއަސާސީގެ ދިފާއު ކުރުމުގެ ނަމުގައި އެމްޑީޕީން ބޭނުންވަނީ ގައުމު ހަލަބޮލިކުރަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން އަންނަނީ އަންނަ މަހުގެ 10 ވަނަ ދުވަހު މާލޭ ކާނިވާ ސަރަހައްދުގައި ”ގާނޫނުއަސާސީގެ ދިފާއުގައި ރައްޔިތުން” ގެ ނަމުގައި ޖަލްސާއެއް ބާއްވަން ތައްޔާރުވަމުންނެވެ.
މިއީ ގިނަ ބައެއްގެ ބުރަ މަސައްކަތުން ހޯދި ގާނޫނުއަސާސީއަށް އެއްވެސް ބެލުމެއްނެތި، ރައްޔިތުން ކައިރިން އަހާލުމެއް ވެސް ނެތި ބަދަލުތައް ގެންނާތީއާއި، ފަރުދީ އަދި އަސާސީ މިނިވަންކަން ސަރުކާރުން ނިގުޅައިގަންނަމުންދާތީ އެކަމާ ދެކޮޅަށް އަޑުއުފުލުމަށް ބާއްވާ ޖަލްސާއެއް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ ގާނޫނުއަސާސީގެ ދިފާއު ކުރުމުގެ ނަމުގައި އެމްޑީޕީން ބޭނުންވަނީ ގައުމު ހަލަބޮލިކުރަން ކަމަށެވެ. އަދި ކުރިން އުޅުނު ގޮތައް އަލިފާން ބޯޅަ އުކައި، ފުލުހުންގެ މޫނަށް މިރުސް ފެން ޖަހައި، ދައުލަތުގެ އިމާރާތްތަކުގަ ހުޅުޖެހި ޒަމާން ދެން އިއާދައެއް ނުކުރެވޭނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ ގާނޫނުއަސާސީއާއި ޚިލާފު ކަމެއް ކޮށްފިނަމަ ދާނީ ކޯޓަށް ކަމަށާއި، އެމްޑީޕީން މަގުމަތީގައި ކޯޓު ހަދައިގެން އުޅުނު ޒަމާން މިހާރު މާޒީވެއްޖެ ކަމަށެވެ.
ގައުމަށް ބިލިއަން ޑޮލަރުގެ މަޝްރޫއުތައް އަންނަން ފެށި ވަގުތު މަގުމަތި ހަލަބޮލިކޮށް އެ ފުރުސަތުން ދިވެހީން މަހުރޫމު ކުރި ގޮތަށް ދެން އެކަމެއް ނުވާނެ. ގެޓު؟
ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ވަނީ މައިގަނޑު ފަސް އިސްލާހެއް ގެނަސްފައެވެ.
އެންމެ ފާހަގަކޮށްލެވޭ އެއް އިސްލާހަކީ، ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަކުރެއް އިތުރުކޮށް ހިމަނާފައިވަާ ބަދަލުތަކެވެ. މި ބަދަލުތަކާއެކު، ރައްޔިތުންގެ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭނެ އާ ތިން ހާލަތެއް އިތުރުކުރެވިފައިވެއެވެ.
އެގޮތުން، ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވެފައިވާ މެންބަރަކު އެހެން ޕާޓީއަކަށް ބަދަލުވުމުން ނުވަތަ އަމިއްލަގޮތުން ކުރިމަތިލައިގެން އިންތިޚާބުވި މެންބަރަކު ޕާޓީއަކަށް ބަދަލުވުމުން ނުވަތަ ރައްޔިތުން މަޖިލީހުގެ މެންބަރަކު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ އުމުރުގެ ތެރޭގައި، ތަމްސީލުކުރާ ޕާޓީއިން އަމިއްލައަށް ވަކިވުމުން ނުވަތަ ޕާޓީއިން ވަކިކުރުމުން އެ މެންބަރެއްގެ ގޮނޑި ގެއްލޭނެއެވެ.
މި އިސްލާހު ހިމެނޭހެން ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކަކީ، ރައްޔިތުންނަށާއި، ގައުމަށް ވަރަށް މުހިންމު އިސްލާހުތަކެއްކަމަށާއި، މި އިސްލާހުތަކުގެ ސަބަބުން ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަށް ބާރުއަޅައި، ގައުމުގައި ހަމަޖެހުން ގާއިމުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީން ބުނާ ގޮތުގައި ގާނޫނުއަސާސީއަށް މި ގެނައި ބަދަލުތަކަކީ ސައްހަ ބަދަލުތަކެއް ނޫނެވެ. އެ އިސްލާހުތައް ގެނައީ ގާނޫނުއަސާސީގެ ބާރުކެނޑިގެންދާ ގޮތަށް ކަމަށާއި، އެއީ ޑިމޮކްރަސީގެ އަސާސްތަކާ ޚިލާފަށް ގެނެސްފައިވާ އިސްލާހުތަކެއް ކަމަށެވެ.

