ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދާ “އޮޕަރޭޝަން ކުރަނގި” އައްޑޫ ސިޓީ މަރަދޫފޭދޫގައި ފަށަން ތައްޔާރުވެއްޖެއެވެ.
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިން އިއްޔެ ބުނީ އައްޑޫ ސިޓީ މަރަދޫފޭދޫގައި ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އަދާހަމަކުރުމުގެ ގޮތުން، މި ފަރާތްތަކުގެ ބަޔޯމެޓްރިކްސް އެކުލަވާލުމުގެ މަސައްކަތް 30 ނޮވެންބަރު 2024 އިން 31 ޑިސެންބަރު 2024ގެ ނިޔަލަށް، މަރަދޫފޭދޫ އަވަށު އޮފީހުން ކުރަމުންދާނެ ކަމަށެވެ.
އެހެންކަމުން މި މަސައްކަތް އެންމެ އެދެވޭ ގޮތެއްގައި ކުރިޔަށް ގެންދިޔުމަށް، ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ އެންމެހައި ފަރާތްތަކުން، ސަރުކާރަށާއި އެ އޮފީހަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ބަޔޯމެޓްރިކްސް ނެގުމަށް ހާޒިރުވާއިރު، ކޮންމެ ބިދޭސީ މަސައްކަތްތެރިއެއްވެސް، ޕާސްޕޯޓް އަދި ވޯކްވިސާއާއެކު އެ ފަރާތުގެ ޒިންމާދާރުވެރިޔާގެ އައިޑީކާޑު ކޮޕީއެއް ގެނެސްދިނުމަށް ވަނީ އެދިފައެވެ.
ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތް ކުރިއަށްދާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 10:00 އިން 14:00 އަށް އަދި ހޮނިހިރު 10:00 އިން 13:00 އަށެވެ.
އޮޕަރޭޝަން ކުރަނގި ފެށީ މިއަހަރުގެ މެއި މަހުގެ 02 ވަނަ ދުވަހުއެވެ. މި އޮޕަރޭޝަންގެ ފުރަތަމަ މަސައްކަތެއްގެ ގޮތުން ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފިންގަރ ޕްރިންޓާއި ފޮޓޯ އަދި މައުލޫމާތު އެއް އަހަރު ދުވަހުގެ ތެރޭގައި އެއްކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.
މި ޕްރޮގްރާމުގެ ފުރަތަމަ މަރުހަލާގައި ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރި ނަމަވެސް އެ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ބަދަލުގައި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތު ފަހިކޮށްދޭނެއެވެ. އަދި ފުރަތަމަ މަރުހަލާ ނިމުމަށްފަހު ރަސްމީ ލިޔެކިޔުން ނެތި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ބަޔޯ މެޓްރިކް އައިޑެންޓިފިކޭޝަނެއް ހަދައި، ގައުމުތަކުގެ އެމްބަސީތަކާއި ގުޅިގެން އެ މީހުން ފޮނުވާލުމަށް ވަނީ ނިންމާފައެވެ.

