ގާނޫނާއި ހިލާފަށް ރަން ހޯދުމަށް މައިނަކަށް އެރުނު ދެކުނު އެފްރިކާގެ ގިނަ އަދަދެއްގެ މީހުން އެތަނުގައި ތާށިވެފައިވާތާ ގާތްގަނޑަކަށް ދެ ހަފްތާއަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.
ދެކުނު އެފްރިކާގެ ފުލުހުން ޖޮހަނެސްބާގުގެ ދެކުނު ހުޅަނގުން ގާތްގަނޑަކަށް 150 ކިލޯމީޓަރު (100 މޭލު) ދުރުގައިވާ ސްޓިލްފޮންޓެއިން ގައި ހުރި މައިނެއް ގާތުން މޮނިޓަރ ކުރަމުން ދެއެވެ. މި ރަން މައިނު 2 ކިލޯމީޓަރު (1.2 މޭލު) އަށްވުރެ ފުންކަމަށް ލަފާކުރެވޭ އިރު އެތަނުން އަރައި ފައިބަނީ ވާގަނޑެއްގެ އެހީގައެވެ.
ސަތޭކަ އަށް ވުރެ ގިނަ މީހުން ޤާނޫނާއި ހިލާފަށް މި މައިނަށް ފޭބުމުގެ ސަބަބުން ނުރައްކާތެރި ޙާލަތެއްގައި ތިބިކަމަށް ލަފާކުރެވެއެވެ. ފުލުހުންވަނީ އެމީހުން އެތަނުން ނެރުމަށް އެމީހުންނަށް ކާނާއާއި އެހެނިހެން ޒަރޫރީ ތަކެތި ފޯރުކޮށްދެމުންދާ ސަޕްލައި ލައިނުތައް ކަނޑާލާފައެވެ.
ސެކިއުރިޓީ އޮފިސަރުން ވަނީ އެރަށުގެ މީހުންވެސް އެމީހުންނަށް ކާނާއާއި ފެން ފޯރުކޮށްދިނުން މަނާކޮށްފައެވެ.

ފުލުހުންވަނީ އެމީހުންނަށް ކާނާއާއި އެހެނިހެން ތަކެތި ފޯރުކޮށްދިނުންވެސް މަނާކޮށްފަ. [އެމަނުއެލް ކްރޮސެޓް/އޭއެފްޕީ/ގެޓީ އިމޭޖްސް]
ދެކުނު އެފްރިކާގައި ޤާނޫނާއި ހިލާފަށް މައިނުތަކަށް އެރި މައުދަން ނެގުމަކީ ވަރަށް އާންމު ކަމެކެވެ. އެތަނުގައި މިފަދަ މީހުންނަށް ކިޔައި އުޅެނީ "ޒަމާ ޒަމާ" އެވެ. މިއީ އިސިޒޫލޫ ބަހުން "ފުރުސަތު ހޯދާ މީހުން" މި މާނައިގައި ބޭނުންކުރާ ބަހެކެވެ.
ފުލުހުން ވަނީ ސްޓިލްފޮންޓެއިންގައި 1،000 އަށްވުރެ ގިނަ މައުދަނު ނަގާ މީހުން ހައްޔަރުކޮށްފައެވެ.
"އެތަނުގައި ކާން، ބޯން ނުވަތަ ޒަރުރީ ބޭނުންތައް ފުއްދޭނެ އެއްވެސް އެއްޗެއް ނެތް." ހުކުރު ދުވަހު އެތަނުން ސަލާމަތްވި މައުދަނު ނަގާ މީހުންގެ ތެރެއިން މީހެއް ކަމަށްވާ އަޔަންޑާ އެންދަބީނީ ބުނެފައިވެއެވެ. ފުލުހުން އޭނާ ހައްޔަރުކުރި ނަމަވެސް، ފަހުން އޭނާ ދޫކޮށްލާފައިވަނީ އޭނާއަކީ ދެކުނު އެފްރިކާގެ ރައްޔިތެއް ކަމަށްވެފައި، ކުރިން އެއްވެސް ކުށުގެ ރެކޯޑެއް ނެތް މީހަކަށްވާތީއެވެ.
"ވަލާ އުމްގޮޑީ" ނުވަތަ "ވަޅު ބަންދުކުރުން" މި ނަމުގައި ކުރިއަށްގެންދާ ފުލުހުންގެ އޮޕަރޭޝަނުގެ ސަބަބުން މި މައިނުގެ އަޑީގައި ތިބި މީހުންނަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިވެފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ.
"އަހަރެމެންގެ ތެރެއިން ބައެއް މީހުން މަރުވެއްޖެ. އަދި އަނެއް ބައި މީހުންގެ ހާލު ދެރަވެ، ވަަރަށް ނުރައްކާތެރި ޙާލަތެއްގައި ތިބީ." އެންދަބީނީ ބުނެފައިވެއެވެ.
ފާއިތުވި ހަފުތާގައި، މަރުވެފައިވާ މީހެއްގެ ހަށިގަނޑު މައްޗަށް ގެނެވުނެވެ. މިކަމުގެ ސަބަބުން ގިނަ ބަޔަކު މަރުވެފައިވާ ކަމުގެ ބިރު އުފެދިފައިވެއެވެ. މައުދަނު ނަގާ މީހުންގެ ތެރެއިން ގިނަ މީހުންނަކީ ދެކުނު އެފްރިކާގެ އެހެން ސަރަޙައްދުތަކުން އައިސްފައިވާ ލިޔެކިޔުން ނެތް ބިދޭސީންނެވެ.
މިދިޔަ ހަފުތާގައި ދެކުނު އެފްރިކާގެ ސަރުކާރުން އިސް އޮފިޝަލަކު ނޫސްވެރިންނަށް ބުނެފައިވަނީ ސްޓިލްފޮންޓެއިންގައި ޤާނޫނާއި ހިލާފަށް ރަން މައިނަށް އެރުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްނުދޭނެ ކަމަށެވެ. މި ކަމުގެ ސަބަބުން އާންމުންގެ ނުރުހުން އެމީހުނަށް ވަނީ އަމާޒުވެފައެވެ.
ދެކުނު އެފްރިކާގައި ވަނީ ޤާނޫނާއި ހިލާފަށް ރަނާއި އެކި މައުދަނު ނެގުމުގެ މައްސަލަަ އެތައް އަހަރެއް ވަންދެން ކުރިމަތިވެފައެވެ. މިކަން އާންމުކޮށް ކުރިއަށް ގެންދަނީ ވައްކަންކުރާ މީހުންނާއި ގޭންގުތަކުގެ ނެޓްވޯކްތަކުންނެވެ. 2022 ވަނަ އަހަރު، ސަރުކާރުން މުޅި ޤައުމުގައި އޮތް މި ވިޔަފާރިއާ ދެކޮޅަށް ޓާސްކް ފޯހެއް އުފައްދާފައިވެއެވެ.

ދެކުނު އެފްރިކާގެ ސްޓިލްފޮންޓެއިންގައި މީހުން ތާށިވެފައި ތިބި ރަން މައިން ކައިރީގައި ފުލުހުން ހަރަކާތްތެރިވަނީ. [ޑެނިސް ފަރެލް/އޭޕީ ފޮޓޯ]
ސްޓިލްފޮންޓެއިންގެ މައިނުގައި ތާށުވެފައިތިބި މީހުންގެ އާއިލާތައް ތިބީ ހިތާމަވެރި ހަބަރަކަށް ތައްޔާރުވެގެންނެވެ. ނަމަވެސް އެމީހުން އަދިވެސް ތިބީ އެތަނުގައި ތާށިވެފައިތިބި މީހުން ސަލާމަތްވުމުގެ އުންމީދުގައެވެ.
"އަހަރެން މިތާ މި ހުރީ އަހަރެންގެ ދަރިން ފެނުމުގެ އުންމީދުގަ. ފެބްރުއަރީ މަހުން ފެށިގެން އެމީހުންގެ އެއްވެސް ފޯނު ކޯލެއް ނުލިބޭ. އަހަރެން ވަރަށް ކަންބޮޑުވޭ އެތަނުގައި އެމީހުން ކާނެ އެއްޗެއް ނެތީމަ. އަހަރެން ބޭނުން އެމީހުން ދިރިތިބިތަން ބަލަން. ބައެއް މީހުން ބުނަނީ އެތަނުގައި އެކަކުވެސް ނެތް ކަމަށް، އެހެންވީމާ އަހަރެންނަކަށް ނޭނގެ އަހަރެންގެ ދަރިން ތިބީ ދިރިކަމެއް ނޫނީ މަރުވެފަކަމެއް." ޒިމްބާބްވޭގެ އަންހެނެއް ކަމަށްވާ ލީނާ މިނެޒެޔާގެ ދެ ފިރިހެން ދަރިން ވަނީ މައިނުގައި ތާށިވެފައެވެ.

މައިނުގައި ތާށިވެފައި ތިބި މީހުންގެ އާއިލާތައް އެއްވެފައި. [ރޮއިޓާސް/އިހުސާން ހައްފޭޖީ]
ސްޓިލްފޮންޓެއިންގެ މުޖުތަމަޢުގެ ލީޑަރެއް ކަމަށްވާ ޖޮހާނެސް ކަންކާސެ، ސަރުކާރަށް ގޮވާލާފައިވަނީ އެމީހުންގެ ނިންމުމާމެދު އަލުން ވިސްނުމަށެވެ. "އަހަރެން ސަރުކާރަށް ބުނެލާނީ، އެ މީހުންނަށް ކާނެއެއްޗެއް އަދި ބޯނެ ފެން ފޮދެއް ލިބޭ ގޮތް ހަދައި ދޭށޭ." ކަންކާސެ ބުނެފައިވެއެވެ.
ނަމަވެސް، ދެކުނު އެފްރިކާގެ ނޭޝަނަލް ޕޮލިސް ސްޕޯކްސްޕާސަން، އަތްލެންޑާ މަތެ، މި މީހުންނަށް އެހީތެރިވުމަށް އެދި ހުށަހެޅި ހުށަހެޅުންތައް ބަލައިނުގަތެވެ. "އަހަރެމެން އެއްވެސް އެހީއެއް ފޯރުކޮށްދޭކަށް ނެތިން. އަހަރެމެން މި ތަންފީޒުކުރަނީ ޤާނޫނު." މަތެ ބުނެފައިވެއެވެ. އޭނާ ހަވާލާދީފައިވަނީ އެޤައުމުގެ ޤާނޫނު އަސާސީގެ 205 ވަނަ މާއްދާއަށެވެ. މި މާއްދާއިން ފުލުހުންނަށް ކުށްކުރުން ހުއްޓުވުމާއި އެކަމާ ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ދީފައިވެއެވެ.
" އަހަރެމެން ދެކުނު އެފްރިކާގެ ރައްޔިތުންނަށް އެދެނީ ޤާނޫނު ތަންފީޒުކުރުމަށް އަހަރެމެން މި ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމަށް." އޭނާ ބުނެފައިވަނީ މިއީ ފުލުހުންނާއި ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް އެޅޭނެ އެންމެ ރަނގަޅު ފިޔަވަޅު ކަމަށެވެ.

