ވ. ރަކީދޫގައި އިރުގެ އަލިން ކަރަންޓު އުފައްދާ ހައިބްރިޑް ޕީވީ-ބީއީއެސްއެސް-ޑީޖީ ނިޒާމެއް ޤާއިމުކުރުމާ ގުޅިގެން، މިހާރު އެ ރަށުގައި ޖަނަރޭޓަރު ޖައްސަން ޖެހެނީ އެންމެ 2 ގަޑިއިރަށް ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މަޢުލޫމާތު ދީފިއެވެ.
ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ނިޒާމް ވިދާޅުވި ގޮތުގައި، ރަކީދޫގައި ހަރުކޮށްފައިވާ ސޯލާ ނިޒާމުން ރަށަށް އެކަށީގެންވާ މިންވަރަށްވުރެ އިތުރަށް ކަރަންޓު ފޯރުކޮށްދެވެއެވެ. މިހާރު އެ ރަށަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންދަނީ ސޯލާ އާއި ބެޓަރީއާ އެކުގައެވެ.
"އަވިދީފައި އޮންނަ ހުރިހާ ގަޑިތަކެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭނީ ސޯލާއިން. އޭގެ ފަހުން ރޭގަނޑު ބެޓަރީން ކަރަންޓު ފޯރުކޮށްދޭނެ،" ނިޒާމް ވިދާޅުވިއެވެ.
ސްޓެލްކޯއިން ރަކީދޫގެ އެކި ސަރަހައްދުގައި ޖުމްލަ 30 ކިލޯވޮޓްގެ ސޯލާ ޕެނަލްތައް ހަރުކޮށްފައިވެއެވެ. މީގެ ތެރޭގައި 12 ގޭގެ ފުރާޅުގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް ހިމެނެއެވެ. އަދި އިތުރު ދެ ގެއަކުން ސޯލާ ހަރުކުރުމަށް އެދިފައިވާ ކަމަށް ސްޓެލްކޯސްޓެލްކޯއިން ބުނެފައިވެއެވެ.
ނިޒާމް އިތުރަށް ވިދާޅުވި ގޮތުގައި، މި މުޅި ސިސްޓަމަކީ އޮޓޮމެޓިކް ސިސްޓަމެކެވެ. އަދި ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި އިންޖީނު ނުހިންގާ، ހަމައެކަނި ސޯލާއިން ރަށަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ސްޓެލްކޯގެ އަމާޒެކެވެ.
ކުރިއަށް އޮތް ތަނުގައި ސްޓެލްކޯއިން ވަނީ ބެޓަރީ އިތުރުކޮށް، ސޯލާއިން އުފައްދާ ހަކަތަ ރައްކާކުރެވޭނެ ނިޒާމެއް ޤާއިމުކުރުމަށް ރޭވިފައެވެ.
ފާހަގަކޮށްލެވޭ ކަމަކީ، 2016 ވަނަ އަހަރު އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އެހީގައި ރަކީދޫގައި ސޯލާ ހައިބްރިޑް ސިސްޓަމެއް ޤާއިމުކުރެވުނު ނަމަވެސް، އެ ސިސްޓަމް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. މިހާރު ރަކީދޫގައި ހުރި ސިސްޓަމަކީ ސްޓެލްކޯއިން އަމިއްލައަށް ފަންޑުކޮށްގެން އަލަށް ޤާއިމުކޮށްފައިވާ ސިސްޓަމެކެވެ.

