ދިވެހިރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ ރައްޔިތުންގެ މުސާރަ އެ ގައުމަށް ފޮނުވުމުގައި ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމަށް މަޝްވަރާތައް ކުރަމުން އަންނަ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.
އިންޑިއާގެ ގާނޫނު ހަދާ މަޖިލިސް، ލޮކް ސަބާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ލިޔުމުން ފޮނުވި ޖަވާބުގައި އެ މިނިސްޓްރީން ބުނެފައިވަނީ، ރާއްޖެއިން ޑޮލަރު ފޮނުވުމުގައި ލިމިޓުތަކެއް ހުރުމުން ދިމާވާ ދަތިތައް އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާތީ، އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
މި މައްސަލަ ދިމާވަނީ ރާއްޖޭގެ ބޭންކުތަކަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ޑޮލަރު ފޯރުކޮށްދިނުމުގައި ލިމިޓެއް ގެންގުޅޭތީ ކަމަށް އެ މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. މިކަމުގެ ސަބަބުން ރެމިޓެންސްގެ ގޮތުގައި ހުރިހާ ގައުމަކަށް ވެސް ޑޮލަރު ފޮނުވުމުގައި ދަތިތަކެއް ދިމާވާ ކަމަށާއި، ރާއްޖޭގައި ވަޒީފާ އަދާކުރާ އިންޑިއާ މީހުންނަށް ވެސް މި ދަތިތައް ކުރިމަތިވާ ކަމަށް އެ ލިޔުމުގައި ބަޔާންކޮށްފައިވެއެވެ.
ނަމަވެސް، އިންޑިއާގެ ރައްޔިތުންގެ ތެރެއިން ޑޮލަރުން މުސާރަ ލިބޭ މީހުންނަށް މި މައްސަލަ ދިމާނުވާ ކަމަށް ވެސް އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ޖަވާބުގައި ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން އެމްއެމްއޭގެ ސަމާލުކަމަށް މައްސަލަ ގެނެސްފައިވާ ކަމަށާއި، އެމްއެމްއޭއާ އެކު ވާހަކަ ދައްކައި، އެހީތެރިވެވޭނެ ގޮތްތަކެއް ބަލަމުން އަންނަ ކަމަށް ވެސް އެ މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
މި މައްސަލައަށް ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތްތަކުގެ ތަފްސީލު އަދި ހާމަކޮށްފައި ނުވި ނަމަވެސް، އިންޑިއާ ސަރުކާރުން މި މައްސަލައަށް ޚާއްސަ ސަމާލުކަމެއް ދެމުންދާކަން މި ބަޔާނުން އެނގެއެވެ. ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ ރައްޔިތުންނަށް މި ދަތިތަކުން އަވަސް ހައްލެއް ލިބޭނެކަމަށް އުންމީދު ކުރެވެއެވެ.

