ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މިއަދު "ޗާލު ވެށި – މަގޭ ޒިންމާ" ނަމުގައި ސާފުކުރުމުގެ ހާއްސަ ހަރަކާތެއް ފަށައިފިއެވެ.
މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ އެ ކުންފުނީގެ ސަބް ސްޓޭޝަންތަކާއި މަގުމަތީގައި ހުރި ޑިސްޓްރިބިއުޝަން ފޮށިތައް ސާފުކޮށް ބެލެހެއްޓުމެވެ.

ސްޓެލްކޯގެ ‘ޗާލު ވެށި – މަގޭ ޒިންމާ’ހަރަކާތް ފެށުމުގެ ތެރެއިން / ފޮޓޯ:ސްޓެލްކޯ އެކްސް
ސްޓެލްކޯއިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި "ޗާލު ވެށި – މަގޭ ޒިންމާ" ހަރަކާތް މިއަދު ފަށާފައިވާ ކަމަށެވެ.
މިހަރަކާތުގެ ތެރެއިން، މާލޭގެ އެކި ސަރަޙައްދުތަކުގައި ހުރި ކުންފުނީގެ ސަބް ސްޓޭޝަންތަކާއި މަގުމަތީގައި ހުރި ޑިސްޓްރިބިއުޝަން ފޮށިތަކުގައި ތަތްކޮށްފައިވާ އިޝްތިހާރު ފަދަ ތަކެތި ނައްޓައި، އެ ތަންތަން ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެކްސް ޕޯސްޓުގައި ވަނީ ބުނެފައެވެ.

ސްޓެލްކޯގެ ‘ޗާލު ވެށި – މަގޭ ޒިންމާ’ހަރަކާތް ފެށުމުގެ ތެރެއިން / ފޮޓޯ:ސްޓެލްކޯ އެކްސް
މި ހާއްސަ ހަރަކާތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ތޯރިގު އިބްރާހީމާއި، މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް އަދި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއެވެ.

