މާލެ ސިޓީއަކީ ޒީނަތްތެރި، ރީތި އަދި ޗާލު ސިޓީއަކަށް ހެދުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު، ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
ސްޓެލްކޯގެ ސަބް ސްޓޭޝަންތަކާއި މަގުމަތީގައި ހުރި ޑިސްޓްރިބިއުޝަން ފޮށިތަކުގައި ތަތްކޮށްފައިވާ އިޝްތިހާރު ފަދަ ތަކެތި ނައްޓައި، ސާފުކުރުމަށް ކުންފުނީގެ މުވައްޒަފުން ހިންގާ ‘ޗާލު ވެށި – މަގޭ ޒިންމާ، ޙަރަކާތް ފައްޓަވައިދެއްވަމުން ފަހުމީ މިހެން ވިދާޅުވިއެވެ.
"އަޅުގަނޑުމެން ދެކެން ބޭނުންވަނީ މާލެއަކީ ޒީނަތްތެރި، ރީތި އަދި ޗާލު ސިޓީއަކަށް ވާތަން. ދުނިޔޭގެ އެހެން ވެރިރަށްތަކަށް ޗާލު ރީތި ސިޓީތަކޭ މީހުން ބުނާ ފަދައިން، ރާއްޖެއަށް ޒިޔާރަތްކުރާ މީހުންގެ ތެރެއިން މާލެއަށް އަންނަ މީހުން ވެސް މާލެއަކީ ޒީނަތްތެރި ތަނެކޭ ބުނުވަން ސްޓެލްކޯއިން އަބަދުވެސް ބޭނުންވޭ،" ފަހުމީ ވިދާޅުވިއެވެ.
މި މަޤްޞަދު ހާސިލުކުރުމަށްޓަކައި، ގެދޮރުތަކާއި މަގުތަކާއި ޚިދުމަތްދޭ ޓްރާންސްފޯމަރުތައް ޒީނަތްތެރިކޮށް ރީތިކޮށް ހުންނަންޖެހޭ ކަމަށް ފަހުމީ ފާހަގަކުރެއްވިއެވެ. އަދި މިއަދު ފެށުނު ‘ޗާލު ވެށި – މަގޭ ޒިންމާ، ޕްރޮގްރާމަކީ މި މަޤްޞަދު ހާސިލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ޕްރޮގްރާމަކީ ކުންފުނީގެ މުވައްޒަފުން ކުރާ މަސައްކަތެއް ކަމަށާއި، މިއަދު ފެށުނު މި މަސައްކަތް ހުއްޓާނުލާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.

