ކުޅިވަރުގެ ދުރުރާސްތާ ޕްލޭންް އެކުލަވާލައިފި އެވެ.
ކުޅިވަރު މިނިސްޓްރީން މިއަދު ވަނީ ކުޅިވަރުގެ ދުރުރާސްތާ ޕްލޭނުގެ ބައިތައް ތަންފީޒުކުރުމަށް މކުރުމަށް މުޅި ރާއްޖެ ތިން ސަރަހައްދަކަށް ބަހާލާ، 20 އަހަރުދުވަހުގެ މާސްޓަރ ޕްލޭނެއް އިއުލާނުކޮށްފައެވެ. މި ޕްލޭން އިއުލާނުކުރީ މިއަދު ސްޓެލްކޯގައި ބޭއްވުނު ހާއްސަ ސެޝަނެއްގައެވެ.
މި ސެޝަނުގައި ކުޅިވަރު އެސޯސިއޭޝަންތަކާއި، ސިޓީތަކުގެ ބައެއް މޭޔަރުންނާއި ކުޅިވަރުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން ބައެއް ގައުމުތަކުގެ ސަފީރުން ބައިވެރިވިއެވެ. އަދި ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު އާއި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލްގެ އިތުރުން އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރުންވެސް ބައިވެރިވިއެވެ.
މި ޕްލޭނުގެ އެންމެ މުހިންމު ނުކުތާއަކީ ރާއްޖެ ތިން ސަރަހައްދަކަށް (ދެކުނު، މެދުރާއްޖެ އަދި އުތުރު) ބަހާލުމެވެ. މި ޕްލޭން ތަންފީޒުކުރާނީ ހަތަރު ފޭސްއަކަށް ބަހާލައިގެންނެވެ. ޕްލޭނުގެ މައިގަނޑު އަމާޒަކީ 2030 އަދި 2034 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގައި މެޑަލް ހޯދުމާއި، 2036 އަދި 2040 ވަނަ އަހަރުގެ އޮލިމްޕިކްސްގައި ދިވެހި އެތުލީޓުން މެޑަލް ހޯދުމެވެ.
މި ޕްލޭނުގައި ސްކޫލް މާހައުލުން ފެށިގެން ކޯޗުން ބިނާކުރުމާއި، ބޮޑެތި ގޭމްސްތައް ރާއްޖޭގައި ބޭއްވުމާއި، މޮޅެތި އެތުލީޓުން އުފެއްދުމަށް ކުރާނެ ކަންކަން ހިމެނެއެވެ. އޭގެ ތެރޭގައި ކުޅިވަރުގެ މާސްޓަރ ކަލަންޑަރެއް އެކުލަވާލުމާއި، އެސޯސިއޭޝަންތައް ބާރުވެރިކުރުމާއި، ކޯޗުންނާއި ކުޅިވަރުގެ މެނޭޖްމަންޓުގައި ހަރަކާތްތެރިވާ ފަރާތްތައް ތަމްރީނުކުރުން ހިމެނެއެވެ.
މި ޕްލޭން އެކުލަވާލާފައިވަނީ 9 މަސްދުވަހުގެ ތެރޭގައި، ބޭރުގެ ދެ ތަޖުރިބާކާރުންގެ އެހީގައެވެ. މަސައްކަތް ފެށިފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ޕްލޭން އެކުލަވާލުމުގައި އެކިއެކި ފަރާތްތަކާއެކު މަޝްވަރާކޮށް މަޢުލޫމާތު ހޯދާފައިވާކަން ފާހަގަކުރެވެއެވެ.

