ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ، "އަދަދު" ނޫހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުއައްމަދު މުއިއްޒަށް ތުހުމަތުކޮށް ފެތުރި ދޮގު ހަބަރަކަށް މައާފަށް އެދިއްޖެއެވެ.
މި ހަބަރުގައި ބުނެފައިވަނީ ރައީސް ޑރ މުއިއްޒު ރަސްމީ ދަތުރެއްގައި އެމެރިކާއަށް ވަޑައިގެންނެވީ ފަސްޓް ކްލާހުގައި ކަމަށެވެ.
މިއަދު (ނޮވެމްބަރު 30) "އަދަދު" ނޫހުން ޝާއިޢުކުރި އެ ހަބަރުގައި ރައީސް ޑރ މުއިއްޒު އެމެރިކާއަށް ކުރެއްވި ރަސްމީ ދަތުރުގައި ފަސްޓް ކްލާހުގައި ދަތުރުކުރެއްވި ކަމަށް ބުނެފައިވެއެވެ. ނަމަވެސް، މި ހަބަރަކީ ދޮގު ހަބަރެއްކަން އެނގުމާއެކު، "އަދަދު" ނޫހުން ވަނީ އެ ހަބަރު ނަގާލާފައެވެ.

އަދަދު ނޫހުން ވަނީ މައާފަށް އެދި ކޮށްޕައވާ އެކްސްޕޯސްޓް
"އަދަދު" ނޫހުން އިޖުތިމާއީ ވިއުގަ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި ހަބަރު ޝާއިއު ކުރެވުނީ މައުލޫމާތުގެ ކުށަކުން ކަމަށެވެ. އަދި ރައީސް ޑރ މުއިއްޒު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް، އެމަނިކުފާނު ދަތުރު ކުރައްވާފައި ވަނީ ބިޒްނަސް ކުލާހުގައި ކަމަށް ބަޔާން ކޮށްފައި ވެއެވެ. މީގެ އިތުރުން، އެމެރިކާއަށް ވަޑައިގެންނެވީ ވެސް ބިޒްނަސް ކްލާހުގައި ކަމަށް އެ ނޫހުން ފާހަގަކޮށްފައިވެއެވެ.
"އެހެންކަމުން އެ ހަބަރު ވާނީ ނޫހުން ނަގައިފައި. މިކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން މައާފަށް އެދެން،" މިހެން "އަދަދު" ނޫހުން، އެކްސް ޕޯސްޓުގައި ބުނެފައިވެއެވެ.

