ރާއްޖޭގައި ކޮންމެ ފަސް އަންހެނަކުން އެކަކަށް ބައިވެރިޔާގެ ފަރާތުން އަނިޔާ ލިބޭ ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން ހާމަކުރި މައުލޫމާތުތަކަކުން ދައްކާގޮތުގައި، ރާއްޖޭގައި ކޮންމެ 5 އަންހެނަކުން އެއް އަންހެނަކަށް، ބައިވެރިޔާގެ ފަރާތުން ޖިސްމާނީ އަދި ނުވަތަ ޖިންސީ އަނިޔާ ލިބޭ ކަމަށް ވަނީ ފާހަގަކުރެވިފައެވެ.
އެ ވުޒާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބަޔާން ކޮށްފައިވާ ގޮތުގައި، މި ތަފާސް ހިސާބުތައް ނަގާފައިވަނީ ރާއްޖޭގައި ޒާތީ ގުޅުމެއްގައި އުޅޭ ނުވަތަ އުޅެފައިވާ 15 އަހަރާއި 49 އަހަރާ ދެމެދުގެ އަންހެނުންގެ މެދުގައެވެ. މި ދިރާސާއިން ދައްކާ ގޮތުގައި، މި އުމުރުފުރާގެ ކޮންމެ ފަސް އަންހެނަކުން އެއް އަންހެނަކު ބައިވެރިޔާގެ ފަރާތުން ޖިސްމާނީ އަދި/ނުވަތަ ޖިންސީ އަނިޔާ ލިބިފައިވާކަން ރިޕޯޓު ކޮށްފައިވެއެވެ.
އިތުރަށް، އެ ވުޒާރާއިން ފާހަގަ ކޮށްފައިވާ ގޮތުގައި، ޖިންސީ އަނިޔާގެ 80 އިން ސައްތައަށް ވުރެ ގިނަ މައްސަލަތަކުގައި އަނިޔާ ކުރާ ފަރާތަކީ ބައިވެރިއެއް، އާއިލާ މެންބަރެއް، ރައްޓެއްސެއް ނުވަތަ އަވަށްޓެރިއެކެވެ. މިއީ ހަމައެކަނި ރާއްޖެއަށް ހާއްސަ ކަމެއް ނޫންކަމާއި، މުޅި ދުނިޔޭގައިވެސް ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ މައްސަލަތަކުގައި ގިނައީ މިފަދަ ގާތް ގުޅުންތަކުން ކުރާ އަނިޔާތައްކަން ވުޒާރާއިން ވަނީ ފާހަގަ ކޮށްފައެވެ.
މި ކަންބޮޑުވުން އޮތް މައްސަލައާ ގުޅިގެން، އެ ވުޒާރާއިން ވަނީ “ގެވެށި ގުޅުންތައް ހަރުދަނާކޮށް، އަނިޔާއިން ސަލާމަތް ވެފައިވާ ދުޅަހެޔޮ މުޖުތަމައުއެއް ގާއިމުކުރުމުގައި އަޅުގަނޑުމެން އެންމެންގެވެސް ދައުރެއްވޭ،” ކަމަށް ބަޔާންކޮށްފައެވެ. އަދި ގޭތެރެއާއި އެހެނިހެން ތަންތަނަކީ ރައްކާތެރި ތަންތަނަށް ހެދުމަށް ވަނީ ގޮވާލާފައެވެ.

