އިސްރާއީލުން ގައްޒާގެ އެކި ސަރަޙައްދުތަކަށް ދިން ހަމަލާތަކުގައި 42 ފަލަސްތީނުގެ ރައްޔިތުން ޝަހީދުވެފައިވާކަމަށް ސިއްހީ ހިދުމަތްދޭ ފަރާ ބުނެފައިވެއެވެ.
ހުކުރު ދުވަހު އަލް ޖަޒީރާއަށް މަޢުލޫމާތު ދިން ފަރާތްތަކުން ބުނެފައިވާގޮތުގައި ގައްޒާގެ މެދުތެރޭގައި ހުންނަ ނުސެއިރާތަށް އިސްރާއީލުން ދިން ހަމަލާތަކުގައި 24 މީހުން މަރުވެފައިވެއެވެ. ނުސެއިރާތަކީ އެ ސަރަޙައްދުގައި ކުރީއްސުރެ ހުރި 8 ރެފިއުޖީ ކޭމްޕުތަކުގެ ތެރެއިން އެއް ކޭމްޕެވެ.
ހުކުރު ދުވަހު އުތުރު ގައްޒާގެ ބައިތު ލަހިޔާގައި ހުރި ގެއަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި 10 ފަލަސްތީނުގެ ރައްޔިތުން މަރުވެފައިވާކަމަށް މެޑިކަލް އޮފިސަރުން ބުނެފައިވެއެވެ. އެ ސަރަޙައްދުގެ އުތުރާއި ދެކުނުގައިވެސް އިތުރު މީހުން މަރުވެފައިވާކަމަށް މައުލޫމަތު ދެއެވެ.
ބުރާސްފަތި ދުވަހު އިސްރާއީލުގެ ސިފައިން ބުނެފައިވަނީ އެމީހުން ޣައްޒާގައި ހިންގަމުންދާ އޮޕަރޭޝަންގެ ދަށުން ޓެރަރިސްޓުންގެ އަމާޒުތަކަށް ހަމަލާދެމުން ގެންދާ ކަމަށެވެ.
ބުރާސްފަތި ދުވަހު އިސްރާއީލުގެ ޓޭންކުތައް ނުސެއިރާތުގެ އުތުރާއި ހުޅަނގުގެ ސަރަޙައްދުތަކަށް ވަދެފައިވެއެވެ.
ހުކުރު ދުވަހު ބައެއް ޓޭންކުތައް އުތުރުގެ ސަރަޙައްދުތަކުން އަނބުރާ ގެންގޮސްފައިވީ ނަމަވެސް، ކޭމްޕުގެ ހުޅަނގު ސަރަޙައްދުތަކުގައި އަދިވެސް ހަރަކާތްތެރިވަމުންދާކަމަށް ރޮއިޓަރސް ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވެއެވެ.
ފަލަސްތީނުގެ ސިވިލް ޑިފެންސްއިން ބުނެފައިވަނީ ގޭގޭގައި ބަންދުވެފައިވާ ރައްޔިތުން އެހީއަށް އެދި ގޮވާ ގޮވުމަށް އިޖާބަ ނުދޭނެ ކަމަށެވެ.
ހުކުރު ދުވަހު ގިނަ އަދަދެއްގެ ގެދޮރު ގެއްލިފައިޗާ ފަލަސްތީނުގެ ރައްޔިތުން ހަމަލާތައް ދީފައިވާ ސަރަޙައްދުތަކަށް އެނބުރި ގޮސް އެމީހުންގެ ގެތަކަށް ލިބިފައިވާ ގެއްލުންތައް ބަލާފައިވެއެވެ. މަގުމަތީގައި މަރުވެފައިވާ މީހުންގެ ހަށިތައް ހުދު ފޮތިތަކުން ނިވައިކޮށް އުފުލައިގެން މެޑިކަލް އޮފިސަރުންނާއި ގާތްތިމާގެ މީހުން ގެންގޮސްފައިވެއެވެ.
ސިއްހީ ހިދުމަތްދޭ ފަރާތްތަކުން ބުނާގޮތުގައި އިސްރާއީލުގެ ޑްރޯން ހަމަލާއެއްގައި ބައިތު ލަހިޔާގައި ހުންނަ ކަމާލް އަދްވާން ހޮސްޕިޓަލުގެ އިންޓެންސިވް ކެއަރ ޔުނިޓުގެ ވެރިޔާ އަޙްމަދު އަލް-ކަހްލޫތު ވަނީ ޝަހީދުވެފައެވެ. ބައިތު ލަހިޔާއަކީ ޣައްޒާގެ އުތުރުގައިވާ ސަރަޙައްދެކެވެ. އެ ސަރަޙައްދުގައި އިސްރާއީލުގެ ސިފައިން އޮކްޓޯބަރު މަހުގެ ކުރީކޮޅުން ފެށިގެން ހަރަކާތްތެރިވަމުން ދެއެވެ.

ކަމަލް އަދްވާން ހޮސްޕިޓަލުގެ އައިސީއޫގެ ޑައިރެކްޓަރު އަޙްމަދު އަލް-ކަހްލޫތު.
ކަމާލް އަދްވާން ހޮސްޕިޓަލަކީ ޣައްޒާގެ އުތުރުގައިވާ ސިއްހީ ހިދުމަތްދޭ ތިން ތަނުގެ ތެރެއިން އެއްތަނެވެ. މިހާރު މި ތަންތަނުގައި ސިއްހީ ވަސީލަތްތަކާއި ތެލުގެ އަދި ކާބޯތަކެތީގެ ސަޕްލައިތައް މަދުވުމުގެ ސަބަބުން އެތަނުގެ މަސައްކަތްތަކަށް ވަނީ ބުރޫ އަރާފައެވެ.
ޞިއްޙީ ހިދުމަތްދޭ ފަރާތްތަކުން ބުނާގޮތުގައި މި ހޮސްޕިޓަލުގެ ގިނަ މެޑިކަލް އޮފިސަރުންނާއި ޑޮކްޓަރުން އިސްރާއީލުގެ ސިފައިން ވަނީ ހައްޔަރުކޮށްފައެވެ.
އިސްރާއީލުގެ ސިފައިން ބުނެފައިވަނީ އޮކްޓޯބަރު 5 އިން ފެށިގެން ބައިތު ލަހިޔާ، ބައިތު ހަނޫން އަދި ޖަބާލިޔާގައި ހަރަކާތްތެރިވަމުންދާ އެމީހުންގެ ބާރުތަކުގެ މަޤްޞަދަކީ ހަމާސްގެ ހަނގުރާމަވެރިން އެ ސަރަޙައްދުތަކުން ހަމަލާ ދިނުން ހުއްޓުވުން ކަމަށެވެ.
އިސްރާއިލް ސިފައިން ބައިތު ލަހިޔާ އާއި ބައިތު ހަނޫން އަދި ޖަބާލިޔާ ރެފިއުޖީ ކޭމްޕުން ދަނީ މީހުން ނެރެމުންނެވެ.
މީގެ އިތުރުން، ހުކުރު ދުވަހު ޣައްޒާގެ ކާބޯތަކެތީގެ ހާލަތު ދަށްވެ ބޭކަރީއަކަށް ޕާން ހޯދުމަށް އެއްވި ފަލަސްތީނުގެ ރައްޔިތުންގެ ޖަމާޢަތެއް އެއްވުމުން ތޮއްޖެހުމުގެ ސަބަބުން ދެ ކުޑަކުދިންނާއި އަންހެނަކު ފިއްތިގެން މަރުވެފައިވާކަމަށް ޞިއްޙީ ހިދުމަތްދޭ ފަރާތްތަކުން ބުނެފައިވެއެވެ.
ޣައްޒާގެ މެދުތެރޭގައި ހުންނަ ދެއިރު އަލް ބަލާހްގައި ހުންނަ އަލް-އަޤްޞާ ޝަހީދުންގެ ހޮސްޕިޓަލަށް 13 އަހަރުގެ އަދި 17 އަހަރުގެ ދެ އަންހެން ކުދިންގެ އިތުރުން 50 އަހަރުގެ އަންހެނެއްގެ ހަށިގަނޑު ގެނެވުނެވެ. އެތާނގެ ޑޮކްޓަރަކު ކަށަވަރުކޮށްދިންގޮތުގައި އެމީހުން މަރުވެފައިވަނީ އަލް ބަންނާ ބޭކަރީ ސަރަހައްދުގައި ތޮއްޖެހުމުގެ ސަބަބުން ނޭވާ ހާސްވެގެންނެވެ.

ކާއެއްޗެހި ހޯދުމަށް ތޮއްޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުން.
އެއާއެކު، އިސްރާއީލުގެ އޮތޯރިޓީތަކުން ފާއިތުވި މަސްތަކުގައި ހައްޔަރުކޮށްފައިވާ 30 އެއްހާ ފަލަސްތީނުގެ ރައްޔިތުން ދޫކޮށްލާފައިވެއެވެ. ޞިއްޙީ ހިދުމަތްދޭ ފަރާތްތަކުން ބުނާގޮތުގައި ދޫކޮށްލެވުނު މީހުން މެޑިކަލް ޗެކަޕްތައް ހެދުމަށް ޣައްޒާގެ ދެކުނުގައި ހުންނަ ހޮސްޕިޓަލަކަށް ގެނެވުނެވެ.

ހައްޔަރުކޮށްފައި ތިބި ފަލަސްތީނުގެ ރައްޔިތުން މިނިވަންކުރުން.
ހަނގުރާމައިގެ ތެރޭގައި ހައްޔަރުކުރެވި، ދޫކޮށްލެވުނު ފަލަސްތީނު ރައްޔިތުން ބުނެފައިވާ ގޮތުގައި އިސްރާއީލުގެ ބަންދުގައި އެމީހުންނާމެދު އިހާނެތިކޮށް ކަންތައްކޮށް އަނިޔާކޮށްފައިވާ ކަމަށެވެ. އިސްރާއީލުންވަނީ މިކަމަށް ދެކޮޅަށް ހަދާފައެވެ.
ޣައްޒާގައި ހަނގުރާމަ ހުއްޓުވުމަށް މަސްތަކެއް ވަންދެން ކުރެވުނު މަސައްކަތަށް ކުޑަ ކުރިއެރުމެއް ލިބިފައިވީ ނަމަވެސް، މިހާރު މަޝްވަރާތައްވަނީ ހުއްޓިފައިވެއެވެ.
އިސްރާއީލުން ލުބުނާނުގެ ހިޒްބުއްލާއާ ދެމެދު ކުރެވުނު ހަނގުރާމަ މިހާރުވަނީ ވަގުތީގޮތުން ހުއްޓާލާފައެވެ.
ފަލަސްތީނުގެ ޞިއްޙީ އޮފިޝަލުން ބުނާގޮތުގައި އޮކްޓޯބަރު 2023 އިން ފެށިގެން ޣައްޒާއަށް އިސްރާއީލުން ދޭ ހަމަލާތަކުގައި ގާތްގަނޑަކަށް 44,363 މީހުން މަރުވެފައިވެއެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

