ޚާރިޖީ ވުޒާރާ އިން ކުރެވުނު މަސައްކަތްތަކާއި ހާސިލުކުރެވުނު ކާމިޔާބީތަކުގެ މައުލޫމާތު ހިއްސާކުރުމަށް “ފޮސިމް ޓޯކް”ގެ ނަމުގައި ޕެނަލް ޑިސްކަޝަން އެއް ބާއްވައިފި އެވެ.
ފޮރިން ސަރވިސް އިންސްޓިޓިއުޓް (ފޮސިމް) އިން އިންތިޒާމުކޮށްގެން، މިދިޔަ ބުރާސްފަތި ދުވަހު ވިލާ ކޮލެޖުގެ މައި ހޯލުގައި ބޭއްވި މި ސެޝަންގެ ޕެނަލްގައި ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ އާއި ސެކްރެޓަރީ، ބައިލެޓަރަލް ޑރ. ޙާލާ ޙަމީދު އާއި ސެކްރެޓަރީ، އިކޮނޮމިކް ކޯޕަރޭޝަން، ޑރ. ޙުސެއިން ނިޔާޒް އާއި ޖޮއިންޓް ސެކްރެޓަރީ ޑރ. އިބްރާހީމް ޒުހުރީ އަދި ޖޮއިންޓް ސެކްރެޓަރީ މަރިޔަމް މިދްފާ ނަޢީމް ހިމެނިވަޑައިގެންނެވި އެވެ.
މި “ފޮސިމް ޓޯކް”ގައި އަލިއަޅުވާލެވިފައިވަނީ އިކޮނޮމިކް ކޯޕަރޭޝަން އާއި ކޮމަރޝަލް ޑިޕްލޮމަސީ އާއި ދޭދޭ ޤައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް ދިވެހިރާއްޖެ ތަމްސީލް ކުރުމުގައި ޚާރިޖިއްޔާ އިން ކޮށްފައިވާ އަދި ކުރަމުން އަންނަ މަސައްކަތްތަކަށާއި، ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ކޮންސިއުލަރ ހިދުމަތްތައް ފޯރު ކޮށްދިނުމާއި ބައިނަލްއަޤްވާމީ މައިދާނުގައި ޚާރިޖިއްޔާއިން އަދާ ކުރަމުންގެންދާ ދައުރުގެ މައްޗަށެވެ.

