މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން،ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ބައެއް އިސްބޭފުޅުން ވަނީ މި އަހަރު މެލޭޝިޔާގައި ކުރިއަށްދިޔަ، “ފެސްޓިވަލް އައިޑިޔާ ޕުޓްރަޖާޔާ” ގައި ބައިވެރިވެވަޑައިގަންނަވައިފިއެވެ.
މި ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުޞަތު ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީއަށް ލިބިފައިވަނީ އެޑިޔުކޭޝަން މެލޭޝިޔާ ގްލޯބަލް ސަރވިސެސް (އީއެމްޖީއެސް) ގެ ދަޢުވަތަކަށް މެލޭޝިޔާއަށް ކުރެވުނު ދަތުރުގެ ތެރެއިންނެވެ.
މިނިސްޓްރީގެ އިސް ބޭފުޅުން ވަނީ މެލޭޝިޔާގެ އެކި ޔުނިވާސިޓީތަކުގައި މަތީ ތަޢުލީމު ހާޞިލުކުރަމުންދާ ދިވެހި ދަރިވަރުންނާއި ބައްދަލުކޮށް، އެ ދަރިވަރުނަށް ދިމާވާ އުނދަގޫތަކާއި ކަންބޮޑުވުންތަށް ދެނެގަތުމުގެ އިތުރުން މިނިސްޓްރީގެ ފަރާތުން ފޯރުކޮއްދެވެން ހުރި އެހީއާއި އެއްބާރުލުމާއި ގުޅިގެން މަޝްވަރާކޮއްފައެވެ.
މަތީ ތަޢުލީމީ ދައިރާގައި މަސައްކަތް ކުރައްވާ އިސް ބޭފުޅުންނާއި، އެކި ޤައުމުތަކުން މެލޭޝިޔާގައި މަތީ ތަޢުލީމު ހާޞިލުކުރަމުންދާ ދަރިވަރުން ބައިވެރިވާ، “ފެސްޓިވަލް އައިޑިޔާ ޕުޓްރަޖާޔާ” ގައި މިނިސްޓްރީގެ ފަރާތުން، ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުލް ރަޙީމް ހަސަން، ޑެޕިއުޓީ މިނިސްޓަރ، އައިމިނަތު ނަދާ މުޙައްމަދު، ނޭޝަނަލް ކެރިޔަރ ސަރވިސެސް (އެންސީއެސް)ގެ ފަރާތުން ޑެޕިއުޓީ މިނިސްޓަރ، ޝަހީދާ ޢަލީ އަދި މޯލްޑިވިސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ)ގެ ސީއީއޯ، މަރްޔަމް ފިޒާނާ ރަޝީދު ވަނީ މި ފެސްޓިވަލްގައި ބައިވެރިވެވޑައިގަންނަވައިފައެވެ.

