ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހުނީ ހުޅުލެއަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
އަދި އިއްޔެ އެންމެ ވައިގަދަވީ ފުވައްމުލައްކު ސިޓިއަށް ކަމަށް ވެސް މެޓުންބުނެއެވެ.
މެޓް އޮފީހުގެ ރެކޯޑްތައް ދައްކާ ގޮތުން ފުވައްމުލައް ސިޓީއަށް އިއްޔެވައި ޖެހުނީ 23 މޭލަށެވެ. ނަމަވެސް ވިލާގަނޑުގައި 64 މޭލަށް ވައި ޖެހުނެވެ.
ދެން އެންމެ ވައިގަދަވީ ހުޅުލެއަށެވެ. ހުޅުލެއަށް ވިލާގަނޑުގައި 51 މޭލަށް ވައިގަދަވިއިރު އާންމު ވައި ހުރީ 17 މޭލުގައެވެ. އައްޑޫ ސިޓީއަށް އިއްޔެ އާންމު ވައި 17 މޭލަށް ޖެހުނުއިރު ވިލާގަނޑުގައި 46 މޭލަށް ވައި ޖެހުނު ކަމަށް މެޓް އޮފީހުގެ ރެކޯޑްތަކުން ދައްކަ އެވެ.
މެޓް އޮފީހުން ހާމަކުރި ގޮތުގައި އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރެކޯޑް ކުރެވިފައިވަނީ ހުޅުލެއަށެވެ.
ހުޅުލެއަށް 37 މިލިމީޓަރުގެ ވާރޭ ވެހުނުއިރު މާލެއަށް 21.2 މިލިމީޓަރު އަދި ރ. އިފުރަށް 24.5 މިލިމީޓަރުގެ ވާރޭ ވެހުނެވެ.
ފާއިތުވެދިޔަ 24 ގަޑިއިރު ބޯކޮށް ވާރޭވެހުނު ސަރަހައްދުތައް:
- ހުޅުލެ – 37.0 މިލިމީޓަރުގެ ވާރޭ
- ރ. އިފުރު – 24.5 މިލިމީޓަރުގެ ވާރޭ
- މާލެ – 21.2 މިލިމީޓަރުގެ ވާރޭ
- ނ. މާފަރު – 20.1 މިލިމީޓަރުގެ ވާރޭ
- ހުޅުމާލެ – 16.3 މިލިމީޓަރުގެ ވާރޭ
- ޏ. ފުވައްމުލަކު – 7.0 މިލިމީޓަރުގެ ވާރޭ

