ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ހިންގި ރެއިޑް އޮޕަރޭޝަންތަކުގައި އެންމެ ބޮޑަށް އިސްކަންދިނީ، ގޭގޭގައި ފެކްޓްރީ ހަދައިގެން ދިވެހިންގެ ނަމުގައި ހިންގަމުން ދިޔަ ވިޔަފާރިތައް ހުއްޓުވުމަށް ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމް ގެ “ހަފްތާ 52” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝަމްއާން ވިދާޅުވީ، އެންމެ ބޮޑު ކަންބޮޑުވުމަކީ ސާފުތާހިރުކަން ކުޑަކޮށް ކާބޯތަކެތި ތައްޔާރުކޮށްގެން ދިވެހިންގެ ނަމުގައި އޭގެ ވިޔަފާރި ކުރުން ކަމަށެވެ.
“ރެއިޑް އޮޕަރޭޝަންތަކުން ވަރަށް ބޮޑަށް ފާހަގަވި ބައެއް ގޭގޭގައި ބޮޑެތި ފެކްޓަރީތައް ހަދާފައި ހުރިތަން. ދިވެހިން ކާންބޯކުރާ މަސައްކަތް ދިވެހި ލޭބަލް ޖަހައިގެން، ދިވެހި އުފެއްދުންތައް ކަމަށް ހަދައިގެން ވިޔަފާރި ކުރަމުން އެބަދޭ. އަޅުގަނޑުމެން އަހަރު ދުވަހު ތެރޭ އެންމެ ބޮޑު ފޯކަސްއެއް ދިނީ ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާ މީހުންނަށް،” ޝަމްއާން ވިދާޅުވިއެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް، ދައުލަތުގެ ނިޒާމުގެތެރޭގައި ހުރި ގިނަ މައްސަލަތައް ހައްލުކުރުމަށް އިސްކަން ދެވުނުކަމަށް ޝަމްއާން ފާހަގަ ކުރެއްވިއެވެ. މިގޮތުން އިމިގްރޭޝަން ނިޒާމުގެ މައްސަލަތައް ހައްލުކޮށް، ބައެއް އުސޫލުތަކަށް ބަދަލުތަކެއް ގެނެވުނުކަމަށާއި، ހާއްސަ ސޮފްޓްވެއަރއެއް ތައްޔާރުކޮށް ދައުލަތުގެ ހުރިހާ އިދާރާތަކުން މައުލޫމާތު ލިބޭނެ ނިޒާމެއް ގާއިމު ކުރެވުނު ކަމަށް ވިދާޅުވިއެވެ.
ކޮންޓްރޯލަރ ވިދާޅުވީ، ރާއްޖޭގައި ގަވާއިދާއި ހިލާފަށް ދިވެހިން ނިވާފަތްގަނޑަކަށް ހަދައިގެން ބޮޑެތި ވިޔަފާރިތައް ކުރަމުންދާ ބިދޭސީންނަށް، އިތުރު ފުރުސަތެއް ނުދީ ފޮނުވާލަމުންދާ ކަމަށެވެ. މިގޮތުން މިދިޔަ އަހަރު 5000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވާކަމަށާއި، އެއީ ރެކޯޑު އަދަދެއްކަމަށްވެސް ޝަމްއާން ވިދާޅުވިއެވެ.
މީގެއިތުރުން، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ހާއްސަ އިންސްޕެކްޝަންތައް ހިންގައި، އެކި ތަންތަން ބަލައި ފާސްކުރުންތައް ކުރިއަށްދާ ކަމަށާއި، ބިދޭސީންނަށް އިހުމާލުވާ ދިވެހިންނާއި ކުންފުނިތަކަށް ފިޔަވަޅު އަޅަމުންދާ ކަމަށްވެސް ޝަމްއާން ވިދާޅުވިއެވެ. ނަމަވެސް ފިޔަވަޅު އެޅުމަށްވުރެ ބޮޑަށް އިސްލާހުކުރުމަށްވެސް ފުރުސަތު ދެވޭކަމަށް ޝަމްއާން ފާހަގަކުރެއްވިއެވެ.

