ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ، މިއަދުވެސް ކަނޑުގަދަވާނެކަމަށް ލަފާކޮށް، ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެދި މޫސުމާބެހޭ އިދާރާ އިން އިލްތިމާސްކޮށްފިއެވެ.
މެޓް އޮފީހުން ބުނެފައިވާ ގޮތުގައި މިހާރު ކުރަމުންމިދާ މިއަދުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ގޯސްވާނެ ކަމަށާއި ކަނޑުތައް ގަދަވާނެއެވެ. ހަމަމިއާއެކު މިއަދު ހަވީރު 6:00 އާ ހަމައަށް ދެކުނުގެ ކަނޑުތަކުގެ ރާޅުތަކުގެ އުސްމިން 5 ފޫޓާއި 8 ފޫޓާއި ދެމެދުގައި އަދި އުތުރާއި މެދު ރާއްޖެތެރޭގެ ކަނޑުތަކުގެ ރާޅުތަކުގެ އުސްމިނުގައި 4 ފޫޓާއި 7 ފޫޓާއި ދެމެދު ހުންނާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ،
ހަމައެހެންމެ ދެކުނުގެ ރަށްތަކަށް، ގުގުރުމާއެކު ވިއްސާރަވުން އެކަށީގެންވާ ކަމަށާއި، އެހެން ހިސާބުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
ހުޅަނގާއި ހުޅަނގު އުތުރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް ބުނެފައިވެއެވެ..
މެޓް އޮފީހުން ބުނީ މިއަދުވެސް މޫސުން ގޯސްވާނެ ކަމަށާއި، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދޭކަމަށެވެ.

