ފިޔޯރީ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން ކުރިއަށްގެންދާ "ހެޔޮލަފާ ޒުވާނުން"ގެ ދަށުން، ހިންގި ދީނީ ޕްރޮގްރާމު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މިއީ ނަމާދު ކުރުމަށް ދަސްކޮށްދިނުމަށާއި ދީނީ ކަންކަމަށް ދަރިވަރުންގެ ހިތުގައި ޝައުގުވެރިކަން އުފެއްދުމަށް ފިޔޯރީ ކައުންސިލާއި ފިޔޯރީ ސްކޫލު ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގައި ފިޔޯރީ ސްކޫލުގެ ޖުމްލަ 57 ދަރިވަރަކު ބައިވެރިވެފައިވާއިރު، 57 ދަރިވަރުންވެސް ވަނީ ޕްރޮގްރާމު ކާމިޔާބު ކަމާއެކު ފުރިހަމަކޮށްފައެވެ.

ފިޔޯރީ ކައުންސިލް ރައީސް، ދީނީ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި
ޕްރޮގްރާމުގައި ދަރިވަރުންނަށް ނަމާދު ކުރާނެ ރަނގަޅު ގޮތް ވަނީ ބުނެދީފައެވެ. ދީނީ ކަންކަމުގައި އެކިއެކި ފިރުގާތަކާއި ފުށުއެރުންތައް ހަލުވިކަމާއެކު ފެތުރެމުން އަންނަ މިފަދަ ދުވަސްވަރެއްގައި ފިޔޯރީ ކައުންސިލުން، ސްކޫލާ ގުޅިގެން މިގެންދިޔައީ ވަރަށްވެސް ބޭނުންތެރި އަދި ފައިދާކުރުވަނިވި ޕްރޮގްރާމެކެވެ. މި ޕްރޮގުރާމުގައި ބައިވެރިވި ދަރިވަރުންނަށް ނަމާދާ ބެހޭ ގޮތުން އެންމެހައި މުހިންމު އަދި ފުރަތަމައަށް އެނގެން ޖެހޭ ހާއްސަ ކަންކަން ބުނެދީފައިވެއެވެ. އެގޮތުން ވުޟޫ އަދި ނަމާދަށް ނިޔަތްގަންނަނީ ކިހިނެއް ކޮން ގޮތަކަށް ކަމާއި ނަމާދުގައި ކިޔާ ދުއާތަކާއި، އަދި އިސްލާމްދީނުގައި ރިވެތި އަހުލާގު ދަރިވަރުންނަށް ވަނީ ބުނެދީފައެވެ. މި ޕްރޮގުރާމުގައި ދަރިވަރުންނަށް ކިޔަވައިދެވިފައިވަނީ ޤިރާއަތު ލެވެލް 3 ގެ މުދައްރިބުންނެވެ.
މި ޕްރޮގްރާމު ނިންމުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރި ކޮށްދެއްވަމުން ފިޔޯރީ ކައުންސިލްގެ ރައީސް ވިދާޅުވެފައި ވަނީ 2025 ވަނަ އަހަރު ފިޔޯރީގައި ހިންގާ މިފަދަ ޕްރޮގްރާމުތަކަށް ބަޖެޓު ކައުންސިލުން ހަމަޖައްސައި ދެއްވާނެ ކަމަށެވެ.
މި ޕްރޮގްރާމަކީ ފިޔޯރީ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން ފިޔޯރީ ކައުންސިލާއި ފިޔޯރީ ސްކޫލާ ގުޅިގެން ކުރިއަށް ގެންދެވުނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ދަރިވަރުންގެ ހިތުގައި ދީނީ ކަންކަމަށް ޝައުގުވެރިކަން އުފެއްދުމެވެ.

