ގއ ނިލަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ " ރާވެރިޔާ ވޮލީ މުބާރާތް 2024 " ފިރިހެން ޑިވިޝަންގެ 12 ވަނަ މެޗުގައި ގއ ގެމަނަފުށި ވޮލީބޯލް ކުލަބު އަދި ގއ ވޮލީ ކުލަބު ވާދަކުރި މެޗު ގެމަނަފުށިން ކާޟިޔާބު ކޮށްފިއެވެ.
ގއ ނިލަންދޫ ރަސްމީ ވޮލީކޯޓުގައި ކުރިއަށްދިޔަ މިމެޗު ގެމަނަފުށި ވޮލީބޯލް ކުލަބު އިން ކާމިޔާބު ކުރީ 3 ސެޓު 1 ސެޓުންނެވެ.
މިއީ މުބާރާތުގެ އެންމެ ފަހު މެޗެވެ. މި މުބާރާތުގެ ސެމީ ފައިނަލް މެޗު މާދަމާ ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 05 ޑިސެމްބަރުގައެވެ.
މެޗުގެ ފުރަތަމަ ސެޓު ދެޓީމުގެ ފަރާތުން ފެނުނީ ހަމަހަމަ ވާދަވެރި ކުޅުމެކެވެ. އަދި ގާތްގާތުގައި ޕޮއިންޓް ހޯދައި، ސެޓުގެ ފަހު ކޮޅު ގެމަނަފުށި ޓީމްގެ ރަނގަޅު ނިންމުންތަކެއް ފެނިގެން ގޮސްފައިވެއެވެ. މި ސެޓު 26/24 އިން ކާމިޔާބު ކުރިއެވެ. އަދި ދެވަނަ ސެޓުގައި ކޮނޑޭ ވޮލީ ކުލަބުގެ ކުޅުން ރަނގަޅުކޮށް ރަނގަޅު ނިންމުންތަކެއް ނިންމާފައިވެއެވެ. މި ސެޓު 25/18 އިން ކާމިޔާބު ކުރީ ކޮނޑޭ ވޮލީ ކްލަބެވެ. ތިން ވަނަ ސެޓާއި ހަތަރު ވަނަ ސެޓުގައި ގެމަނަފުށި ޓީމްގެ ކުޅުން ވަރަށް ބޮޑުތަން ރަނގަޅު ކޮށް މި ދެ ސެޓު ކާމިޔާބު ކުރިއެވެ. 3 ވަނަ ސެޓު 25/16 އަދި ހަތަރު ވަނަ ސެޓު 25/19 އިން ކާމިޔާބުކޮށް މި މެޗް 3/1 ސެޓުން ކާމިޔާބު ކުރިއެވެ.
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ގެމަނަފުށި ވޮލީބޯލް ކުލަބުގެ ޖާޒީ ނަންބަރު 11 އަލީ އައްސަދު އެވެ.
މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް މާދަމާ ފެށުމަށް ހަމަޖެހިފައިވާ އިރު އަންހެން ޑިވިޝަންގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ވާދަކުރާނީ ގެމަނަފުށި އަދި މާމެންދޫ ވޮލީ ޓީމް އެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ 16:15 ގައެވެ. އަދި ފިރިހެން ޑިވިޝަން ސެމީ ފައިނަލް ފުރަތަމަ މެޗުގައި ވާދަ ކުރާނީ ދާންދޫ ސްޕޯޓްސް ކުލަބު އަދި އެންމެ ފަހުގެ ޗެމްޕިއަން ބޮންބޮން ސްޕޯޓްސް ކުލަބެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ 20:15 ގައެވެ.
2022 މި މުބާރާތުގައި ޖުމްލަ 11 ޓީމް ބައިވެރިވިއެވެ. އެއީ ފިރިހެން 4 ޓީމްގެ އިތުރުން އަންހެން 7 ޓީމެވެ. 2023 ވަނަ އަހަރު މުބާރާތުގައި 13 ޓީމްއަކުން ބައިވެރިވި އިރު އަންހެން 6 ޓީމް އަދި ފިރިހެން 7 ޓީމް ބައިވެރިވެފައިވެއެވެ. މިދިޔަ އަހަރުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަނުންނަކީ ކަނޑުހުޅުދޫ އަންހެން ވޮލީބޯލަ ޓީމެވެ. ފިރިހެން ޗެމްޕިއަނުންނަކީ ބޮން ބޮން ސްޕޯޓްސް ކުލަބެވެ.
2022 ވަނަ އަހަރު މިމުބާރާތުގެ ފިރިހެން ޑިވިޝަން ޗެމްޕިއަންކަން ބޮން ބޮން ސްޕޯޓްސް ކުލަބު ހޯދިއިރު އަންހެން ޑިވިޝަން ޗެމްޕިއަން ޓީމަކީ ގެމަނަފުށި ވޮލީބޯލަ ޓީމެވެ.
މިމުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންހެން އަދި ފިރިހެން ދެ ޑިވިޝަނަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޑިވިޝަނެއްގެ ޗެމްޕިއަން ޓީމަށް 20,000/- (ވިހިހާސް) ރުފިޔާގެ އަދި ކޮންމެ ޑިވިޝަނެއްގެ ރަނަރަޕް ޓީމަށް 10,000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށްވަނީ ހަމަޖެހިފައެވެ.

