ހުޅުމާލޭގައި ހިންގަމުންދާ ކެފޭއެއް ބަލައި ފާސްކުރުމަށްފަހު، ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުންދިޔަ ދެ ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހާމަކުރި ގޮތުގައި، މިއަދު ހަވީރުގެ ވަގުތެއްގައި ހުޅުމާލޭގައި ހިންގަމުންދާ ތިން ކެފޭއެއް ބަލައި ފާސްކޮށްފައިވެއެވެ. މި އޮޕަރޭޝަންގެ ތެރެއިން އެއް ކެފޭއަކުން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުން ދިޔަ ދެ ބިދޭސީއަކު ފެނި، އެ ދެމީހުން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.
އިމިގްރޭޝަނުން އިތުރަށް ހާމަކުރި ގޮތުގައި، މި ދެ ބިދޭސީންގެ ތެރެއިން އެކަކީ ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭކަމަށް ކުރިން ރިޕޯޓު ކޮށްފައިވާ މީހެކެވެ.
މިއީ މިހާރުގެ ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދައި، އެފަދަ މީހުންނާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތުގެ ތެރެއިން ހިންގި އަނެއްކާވެސް އެއް އޮޕަރޭޝަނެވެ. މި މަސައްކަތުގެ ދަށުން މިހާތަނަށް 4,000 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑިޕޯޓްކޮށްފައެވެ.
އިމިގްރޭޝަނުން ދީފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ 17ވަނަ ދުވަހާއި ހަމައަށް ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅުނު 4،054 ބިދޭސީން ވަނީ އެމީހުންގެ އަމިއްލަ ގައުމުތަކަށް އަނބުރާ ފޮނުވާލާފައެވެ. މީގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ބިދޭސީން ފޮނުވާލާފައި ވަނީ 2024 ވަނަ އަހަރުގެ ޖޫން މަހުގައެވެ.

