ކޫރިއަރ މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު 395 ގުރާމްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެ، އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
ކަސްޓަމްސްއިން މިއަދު ހާމަކުރި މައުލޫމާތުގައިވާ ގޮތުން، އަތުލައިގަނެވުނު މަސްތުވާތަކެތީގެ އަގު 9 ލައްކަ ރުފިޔާއަށް އަރައެވެ.
ކަސްޓަމްސްއިން ބުނާ ގޮތުގައި މި ތަކެތި އަތުލައިގަނެވުނީ ނޮވެންބަރު 30 ވަނަ ދުވަހު ކޫރިއަރ މެދުވެރިކޮށް ރާއްޖެއަށް ގެނެވުނު ޕެކޭޖެއް ބަލައި ފާސްކުރުމުގެ ތެރޭގައެވެ. އެ ޕެކޭޖުން ފެނުނު ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލު ކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިންއަށް ފައްސިވެފައިވާކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.
ކަސްޓަމްސްއިން އިތުރަށް ހާމަކުރި ގޮތުގައި، މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި އެތަކެތި ރާއްޖެ އެތެރެކުރުމަށް މަސައްކަތް ކުރި ދިވެހި ފިރިހެނަކު، ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.

