ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ގައުމަށް ފައިދާވާ ގޮތަށް ކަމަށް ވިދާޅުވެ، މަޖިލިސް ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ޝުކުރު އަދާކުރައްވައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހަޅައިފިއެވެ. ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅުއްވައިދެއްވީ ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދެވެ.
މީގެއިތުރުން މިއަދުގެ ޖަލްސާގައި ވަނީ ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، އިގުތިސާދީ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓުގެ ބަހުސް ކުރިއަށް ގެންގޮސް، އެ ބިލު ފާސްކޮށްފައެވެ.
މި ބިލު ފާސްވެއްޖެކަން އިއުލާނުކުރައްވައި ދެއްކެވި ވާހަކަފުޅުގައި މަޖިލީހުގެ ރައީސް ވިދާޅުވީ ޗުއްޓީއަށް ވަޑައިނުގަންނަވައި، މަޖިލީހުގެ މެންބަރުން ގައުމަށާއި، ރައްޔިތުންނަށް ފައިދާވާ ގޮތަށް މަސައްކަތް ކުރައްވަމުން ގެންދަވާތީ ޝުކުރު އަދާކުރައްވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުން އިއްޒަތްތެރި މެންބަރުންނަށް ލިބިވަޑައިގަންނަވާ ޗުއްޓީގެ ބޭނުން ނުހިއްޕަވައި ގައުމާއި ރައްޔިތުންނަށް ފައިދާ ހުރި ގޮތުގަ މަސައްކަތް ކުރެއްވުމަށް ތިޔަ ދެއްވާ އިސްކަމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ތިންވަނަ ދައުރު ހިނގާނީ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. ނަމަވެސް މަޖިލީހުގައި ނިންމަން މުހިންމު މަަސައްކަތްތަކެއް ހުރުމާ ގުޅިގެން ޑިސެމްބަރު 15 ގެ ނިޔަލަށް ދައުރުގެ މުއްދަތު އިތުރުކުރުމަަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

