ގއ ނިލަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ " ރާވެރިޔާ ވޮލީ މުބާރާތް 2024 " ފިރިހެން ޑިވިޝަންގެ ސެމީފައިނަލްގެ ފުރަތަމަ މެޗް އެންމެ ފަހުގެ ޗެމްޕިއަން ބޮންބޮން ސްޕޯޓްސް ކުލަބު އަދި ވޮލީގެ ގަދަބާރެއް ކަމުގައިވާ ދާންދޫ ސްޕޯޓްސް ކުލަބު މިރޭ ވާދަކުރާނެއެވެ.
ގއ ނިލަންދޫ ރަސްމީ ވޮލީކޯޓުގައި މިރޭ މި މެޗް ފެށުމަށް ހަމަޖެހިފައިވަނީ 20:15 ގައެވެ.
މިމެޗާއި ހަމަޔައަށް މި 2 ޓީމް އައިއިރު ފާހަގަކޮށްލަން ޖެހޭ ކަމަކީ ދާންދޫ ސްޕޯޓްސް ކުލަބު އައީ ކުޅުނު ހުރިހާ މެޗުން މޮޅުވެގެންނެވެ. އެހެން ނަމަވެސް ބޮންބޮން ސްޕޯޓްސް ކުލަބު ވަނީ ގްރޫޕް ސްޓޭޖް ފަހު މެޗުގައި ޓޮޕް ބްރަދާސް އަތުން ވާދަވެރި ކުޅުމަަކަށް ފަހު ބަލިވެފައެވެ.

ނިލަންދޫ ރާވެރިޔާ 2024: ދާންދޫ ސްޕޯޓް ކުލަބުގެ ކުޅުންތެރިން އުފާފާޅު ކުރަނީ/ފޮޓޯ: ދޮންކޮޅު-ހުވަދޫ
މިއީ ބޮންބޮން ސްޕޯޓްސް ކުލަބަށް މި ތަށި މިލްކު ކުރުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. 2022 އަދި 2023 ގެ ޗެމްޕިއަނުންނަކީ ބޮންބޮން ސްޕޯޓްސް ކުލަބެވެ. މިފަހަރުގެ މުބާރާތަށް މި 2 ޓީމް ވަނީ ވަރަށް ރަނގަޅަށް ތައްޔާރުވެފައެވެ. ރާއްޖޭގެ ވޮލީގައި މިހާރު އެންމެ މޮޅަށް ކުޅޭ ކުޅުންތެރިން މި ފަހަރުގެ މި މުބާރާތުގައި މި ދެޓީމަށް ދަނީ ކުޅެމުންނެވެ. ރިމޭ ގެ ބާރު ހަމަލާތައް މި މުބާރާތުގެ މެޗު ތަކުން ފެނިގެން ދިޔަ އިރު ދާންދޫ ސްޕޯޓްސް ކުލަބުގެ ޝާމިލްގެ ޝޮޓު ތަކަކީ ވެސް އިދިކޮޅު ޓީމްތަކަށް ހުއްޓުވަން އުދަނދޫ ޝޮޓު ތަކެވެ. ފާހަގަ ކޮށްލަން ޖެހޭ ކަމަކީ މި ދެ ކުޅުންތެރިންވަނީ މި ދެޓީމް މޮޅުވި ހުރިހާ މެޗުތަކެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައެވެ. މިރޭގެ މެޗު މި 2 ކުޅުންތެރިންނަށް ވެސް ހާއްސަވާ ސަބަބު ތެރޭގައި މި ލަގަބު ހާއްސަ ވާނެއެވެ.
މި މެޗާއި ގުޅޭގޮތުން ސުވާލުކޮށްލުން ބޮންބޮން ސްޕޯޓްސް ކުލަބުގެ ކޯޗު އަޒީމް ވިދާޅުވީ، މިރޭގެ މެޗަށް ޓީމް އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށާއި، ދާންދޫ ޓީމަކީ މޮޅު ޓީމެއް ކަމުން ވިސްނުންތެރިކަމާއި އެކު މަސައްކަތް ކުރާނީ 3 ސެޓުން މެޗުން މޮޅުވާން ކަމަށެވެ. އަދި ތަށި މިލްކު ކުރުމަށް ނިކުންނަ ނިކުތުމަކީ އެއީ ޕްރެޝަރެއްގެ ގޮތުގައި ނުދެކޭ ކަމަށާޢި، ހުރިހާ ކުޅުންތެރިންވެސް ތިބީ ބަދަހި ކަމާއިއެކު މެޗުން މޮޅުވެ ތަށި މިލްކު ކުރުމުގެ އަޒުމުގައި ކަމަށެވެ.
" ޓީމް އޮތީ ވަރަށް ބަދަހިކޮށް، ދާންދޫ ޓީމަކީ މޮޅު ޓީމެއް، ހުރިހާ ކުޅުންތެރިންގެ ވެސް އުއްމީދަކީ މި ތަށި މިލްކު ކުރުން. އިރާދަކުރެއްވިއްޔާ މޮޅަށް ކުޅެ މިރޭގެ މެޗު ކާމިޔާބު ކުރާނަން- ކޯޗު އަޒީމް
ދާންދޫ ވޮލީ ޓީމަކީ ގއ އަތޮޅުގެ ވޮލީގެ ގަދަބާރެކެވެ. އަދި ހުނަރުވެރި މޮޅު ކުޅުންތެރިން ހިމެނޭ ރަށެކެވެ. މީގެ ކުރީގެ ބޭއްވުނު އަތޮޅު މުބާރާތްތައް ކާމިޔާބު ކޮށް، އޭގެ 8 އަހަރު ފަހުން ވޮލީގެ ފޯރީގައި މި މެޗް ކާމިޔާބު ކުރުން އެއީ ރަށުގެ ހުރިހާ ރައްޔިތުންވެސް އެދޭ އެންމެ ބޮޑު އެއްކަމެއްގެ ގޮތުގައި ދާންދޫ ރައީސް އާސިފް ވެސް ވަނީ ފާހަގަ ކުރައްވާފައެވެ.

ނިލަންދޫ ރާވެރިޔާ 2024: ދާންދޫ ސްޕޯޓްސް ކުލަބުގެ ކުޅުމުގެ ތެރެއިން/ ފޮޓޯ: ދޮނކޮޅު- ހުވަދޫ
" ވޮލީގައި މީގެ 8 އަހަރު ކުރިން ރަށަށް ކާމިޔާބެއް ލިބުނީ. އެހެންވީމަ މި މުބާރާތުގައި ޓީމް ދައްކަމުންދާ ކުޅުމާއި، އަދި ރަށުގެ ރައްޔިތުންމިކަމަށް ދެމުންދާ ސަޕޯޓަކީ ވޮލީގެ ބާރު ދާންދޫއަށް ގެނައުމަށް ހުރި ޝައުގުވެރިކަން ހާމަކުރުން. އިރާދަކުރެއްވިއްޔާ ވަރުގަދަ ކުޅުމަކާއި އެކު މުބާރާތުގެ ފައިނަލަށް ގޮސް ކާމިޔާބު ކުރުން އެދެނީ- ރައީސް އާސިފް
އިތުރަށް އާސިފް ވިދާޅުވީ ޓީމަށް ތަރުހީބު ދިނުމަށް ރަށުގެ އެކިއެކި ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް އެހީތެރިވަމުން ކަމަށެވެ. ޓީމް އަދި ސަޕޯޓަރުން ދަތުރުކުރުމަށް ލޯންޗު ފަހަރާއި ދޯނި ހަމަޖައްސަނީ ވެސް އަމިއްލައަށް ކަމަށެވެ. އަދި އެއްވެސް އަގެއް ނެގުމެއްނެތި ދެމުންދާ އެހީތެރިކަމުންވެސް އެގެނީ ޓީމް މޮޅުވުމަށް އެދޭ ކަމަށެވެ. އަދި މިރޭގެ މެޗަށް ދިއުމަށް ދަތުރު ހަމަޖައްސާދީފައިވަނީ ސީސަން ދޯނިން ކަމަށެވެ.
މި މެޗާއި ގުޅިގެން ދާންދޫ ސްޕޯޓްސް ކުލަބުގެ ކޯޗު ޝިފާގް އިބްރާހިމް ( ޓޮގޯ ) އާއި ސުވާލުކޮށްލުން ވިދާޅުވީ، މި މެޗަކީ ފޯރިގަދަ ރީތި މެޗަކަށް ވާނޭކަމަށެވެ. އެއްވެސް ޓީމަކަށް ފަސޭހަ ނުވާނެ ކަމަށާއި، ދެޓީމަކީ ވެސް ވަރުގަދަ ދެ ޓީމް ކަމަށެވެ. ތަށި މިލްކު ކުރުމަށް ނިކުންނަ ބޮންބޮން އާއި ވާދަކުރަން ޖެހުމަކީ ޕްރެޝަރެއް ކަމުގައި ނުދެކޭ ކަމަށާއި، ހުރިހާ ކުޅުންތެރިންނަށް ވެސް އިރުޝާދު ދީފައިވާނީ ވާދަކުރަން ޖެހެނީ މޮޅު ޓީމަކާއި ކަމަށެވެ. އަދި މި މެޗަށް ހުރިހާ ކުޅުންތެރިން މެންޓަލީ ތިބީ ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމާއި، އަދި ކޯޗާއި ކުޅުންތެރިންގެ އުއްމީދަކީ މި މެޗުން މޮޅުވުން ކަމަށެވެ. އަދި ޓީމް ޑިފެންސް ކުރުމުގައި ކުރީގެ މެޗުތަކަށްވުރެ ބޮޑަަށް ސަމާލު ކަންދޭނެ ކަމަށެވެ. ރަނގަޅު ބްލޮކް ތަކެއް ހެދުމަކަށް ވެސް ވަރަށް ބޮޑަށް ސަމާލުކަން ދޭނެ ކަމަށް ޓޮގޯ ބުންޏެވެ.

ނިލަންދޫ ރާވެރިޔާ 2024: ބޮންބޮން ސްޕޯޓްސް ކުލަބުގެ ރިމޭ ކުޅުމުގެ ތެރެއިން/ ފޮޓޯ: ދޮނކޮޅު- ހުވަދޫ
މެޗުން މޮޅުވުމަށް ޓީމްގެ ކުޅުންތެރިން ތިބީ ވަރަށް ބޭނުންވެފައި، ޓީމް އޮތީވެސް އެ ރޫހުގައި، އުއްމީދު ކުރަނީ ގްރޫޕް ސްޓޭޖް ހުރިހާ މެޗުތަކުން މޮޅުވި ގޮތަށް މި މެޗުން ވެސް މޮޅުވެ މުބާރާތުގެ ފައިނަލްގައި ވާދަކުރުން- ކޯޗު ޓޮގޯ
ރާވެރިޔާ ވޮލީ މުބާރާތަކީ މިހާތަނަށް ގއ އަތޮޅުގައި ބާއްވަމުން އަންނަ އެންމެ ފޯރިގަދަ މުބާރާތެވެ. މި މުބާރާތަށް ގިނަ ރަށްތަކުން ވަނީ ތައްޔާރުވެސް ވެފައެވެ.
2022 މި މުބާރާތުގައި ޖުމްލަ 11 ޓީމް ބައިވެރިވިއެވެ. އެއީ ފިރިހެން 4 ޓީމްގެ އިތުރުން އަންހެން 7 ޓީމެވެ. 2023 ވަނަ އަހަރު މުބާރާތުގައި 13 ޓީމްއަކުން ބައިވެރިވި އިރު އަންހެން 6 ޓީމް އަދި ފިރިހެން 7 ޓީމް ބައިވެރިވެފައިވެއެވެ. މިދިޔަ އަހަރުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަނުންނަކީ ކަނޑުހުޅުދޫ އަންހެން ވޮލީބޯލަ ޓީމެވެ. ފިރިހެން ޗެމްޕިއަނުންނަކީ ބޮން ބޮން ސްޕޯޓްސް ކުލަބެވެ.
2022 ވަނަ އަހަރު މިމުބާރާތުގެ ފިރިހެން ޑިވިޝަން ޗެމްޕިއަންކަން ބޮން ބޮން ސްޕޯޓްސް ކުލަބު ހޯދިއިރު އަންހެން ޑިވިޝަން ޗެމްޕިއަން ޓީމަކީ ގެމަނަފުށި ވޮލީބޯލަ ޓީމެވެ.
މިމުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންހެން އަދި ފިރިހެން ދެ ޑިވިޝަނަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޑިވިޝަނެއްގެ ޗެމްޕިއަން ޓީމަށް 20,000/- (ވިހިހާސް) ރުފިޔާގެ އަދި ކޮންމެ ޑިވިޝަނެއްގެ ރަނަރަޕް ޓީމަށް 10,000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށްވަނީ ހަމަޖެހިފައެވެ.

